މާފުށި ޖަލުން 5 މޯބައިލް ފޯނާއި ހަރުކަށި ފިކުރު ފެތުރުމާ ގުޅުން ހުރި ފޮތްތަކެއް ފެނިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ކޮވިޑްއާ ގުޅޭގޮތުން މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ފުލުހުން ކަރެކްޝަންސްއާ ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ޖަލުގެ ގޮޅިތައް ބަލާ ފާސްކުރުމުގެ ތެރެއިން 5 މޯބައިލް ފޯނަކާއި ފޯނުގެ އެސެސަރީސްތަކެއް ކަމަށްވާ ޝަޖަރާއި ޔޫއެސްބީ ވާގަނޑު ފެނިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު އެ އޮޕަރޭޝަންގެ ތެރޭގައި ހަރުަކށީ ފިކުރު ފެތުރުމާ ގުޅުންހުރި ފޮތްތަކެއްވެސް ފެނިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި އޮޕަރޭޝަން ފުލުހުން ކަރެންޝަންސް އާ ގުޅިގެން ހިންގާފައިވަނީ ޖަލުގައި ބަންދުކޯށްފައި ތިބި ބަޔަކު އެމީހުންނަށް ތާއިދުކުރާ އެމީހުްނނާ ގުޅުންހުރި ބޭރުގައި ތިބި ބަޔަކާ މުއާމަލާތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުން މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި އިރުއޮއްސުނު ވަގުތު ތޫނުއެއްޗަކުން ބިދޭސީންނަށް ދިން ހަމަލާއާ ގުޅޭ ގޮތުންވެސް ރިޔާޒް މައުލޫމާތު ދެއްވިއެވެ. އެގޮތުން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު މިމަހުގެ 19 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ހުޅުމާލޭގައި ދިން ހަމަލާގެ މައްސަލައިން ފާހަގަވި ކަންކަމަށް އަލި އަޅުއްވާލައްވަމުން ރިޔާޒް ވިދާޅުވީ، އެ ހަމަލާއަކީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ފުލުހުންނާއި ދައުލަތުގެ ފަރާތުން ރާއްޖޭގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ އަލިއަޅުވާލައިގެން، ބަދަލު ހިފުމުގެ ގޮތުން ދެވުނު ހަމަލާއެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި 8 މިހާކު ހައްޔަރު ކުރެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެތެރެއިން 6 މީހަކު ހައްޔަރު ކުރެވުނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށާއި މާޗް 2 ވަނަ ދުވަހު ތ. ތިމަރަފުށީން އެކަކު އަދި ހުޅުމާލެއިން ފެބްރުއަރީ 13 ވަނަ ދުވަހު އެކަކު ހައްޔަރު ކުރެވުނު ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ތިން ބިދޭސީންނަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ 4 މީހެއް ކަަމށް ރިޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު މަހިބަދޫ ފަޅުތެރޭގައި އަޅާފައިވާ 4 ލޯންޗަކާއި 2 ޑިންގީއެއްގައި ރޯކޮށްލި މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އެ އަމަލު ހިންގާފައިވަނީ ފަތިހު އެރަށަށް ގާތްްކުރި ޑިންގީއެއްގައި ތިބި ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ޑިންގީގައި އައި މީހުން ތޮށިގަނޑު މައްޗަށް އަރާ ފުޅިއަކަށް އަލިފާން ރޯވާ ކަހަަލަ އެއްޗެއް އަޅައި އޭގައި ރޯކޮށްފައި ލޯންޗްތަކާ ދިމާއަށް އުކާފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ލޯންޗުގައި ނުޖެހި މޫދަށް ވެއްޓިފައިވާ ފުޅިއެއް ވަނީ ހޯދިފައިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
މި މައްސަލައާ ރާއްޖޭގައި ހިންގާފަިއވާ ބައެއް އަލިފާނުގެ ހާދިސާތަަކާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމށްވެސް ރިޔާޒް ވިދާޅުވިއެވެ.