މާލެ ލޮކްޑައުންކުރި ފަހުން ވިޔަފާރި ކުރާ ފަރާތްތަކަށް ދެވިފައިވާ ޑެލިވަރީ ކުރުމުގެ ހުއްދަތައް ކުރިއަށް އޮތް 48 ގަޑިއިރު ފަހުން ބާތިލް ވާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ކޮވިޑްއާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ފައިރޫޝް ވިދާޅުވީ، މިހާރު ދޫކޮށްފައިވާ ހުއްދަތައް ބާތިލް ކުރަން ފަށާނީ މާދަމާ 12:00 އިން ފެށިގެން ކަމަށާއި ހުރިހާ ހުއްދައެއް އެ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ހަމަވާނެ ކަމަށެވެ.

އެހެންކަމުން ޑެލިވަރީ ކުރާ ފަރާތްތަކަށް ދެވިފައިވާ ހުއްދަ ބާތިލްވާނީ އަންނަ ހޮނިހިރު ދުވަހުގެ 12:00 އަށެވެ.

ވިޔަފާރި ކުރާ ފަރާތްތަކުން އަލުން ޑެލިވަރީކުރަން އެދޭ ހުއްދައަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޑެލިވަރީ ހިދުމަތް ދެމުން ވިޔަފާރީގެ މަސައްކަަތަށް ހުއްޓުމެއް ނުގެނެސް ހުއްދަ އާކުރަން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. މިގޮތަށް ހުއްދަ ބާތިލް ކުރަން ނިންމީ ކުރިން ދެވިފައިވާ ހުއްދައިގެ ސެކިއުރިޓީ ފީޗާތައް ނެތުމުން ކަމަށާއި އަދި ބައެއް ފަރާތްތަކުން އެ ހުއްދައިގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިހާތަނަށް އެ ހުއްދައިގެ ނާޖާއިޒް ފައިދާ ނަގާފައިވާ އެއްވެސް ފަރާތަަކށް އަދަބެއް ދީފައި ނުވާނެ ކަމަށާއި ނަމަވެސް އެ ފަދަ ހުއްދަތައް ބާތިލްކޮށްފައިވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު ޑެލިވަރީ ކުރާ ފަރާތަތަަކަށް ދޭ އާ ހުއްދައިގައި ކިއުއާރް ކޯޑެއް ހުންނާނެ ކަމަށާއި އެ ކޮޑު މެދުވެރިކޮށް ޑެލިވަރީ ކުރުމުގެ ހުއްދަ ދެވިފައިވާ ޒޯނާއި ހުއްދަ ދޫކޮށްފްިއވާ ފަރާތް މަގުމަތީގައި ޕެތްރޯލް ކުރަމުންދާ ފުލުހުންނަށް ފަސޭހަ ކަމާއެކީ ބަލާލެވޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.