މިއަހަރު އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ތާވަލު ކޮށްފައި އޮތް ޖީސީ އޯލެވެލް އާއި، އައިޖިސީއެސްއީއާއި، އެސްއެސްސީ އިމްތިހާނު ފަސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކުރީ ކޮވިޑްގެ ސަބަބުން، ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް ސިލަބަސް ނިންމައި އިމްތިހާނުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

އަދި މިއާއެކު ބީޓެކް ކިޔަވާ ދަރިވަރުންގެ އެސައިންމަންތް ސުންގަޑިތައްވެސް އަލުން މުރާޖައާ ކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަނުން އިތުރަށް ބުނީ، މި ބަދަލާއެކު ދެން އިމްތިހާނު ބާއްވާނެ ދުވަސް ވަރެއް ކަނޑައެލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި، އެކަން ނިންމާނީ ދަރުވަރުންނަށް އެންމެ ގެއްލުން ކުޑަވާގޮތަކަށް ކަމަށެވެ.

ސާނަވީ ނިންމާ އިމްތިހާނުތަކަށް މިބަދަލު އައި ނަމަވެސް، ކީ ސްޓޭޖް 5 (ގްރޭޑް 11 އަދި 12) ގެ ދަރިވަރުން ހަދަން ޖެހޭ އިމްތިހާނުގެ ތާރީހުތަކަށް ބަދަލެއް އައިސްފައި ނުވެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި ވާއިރު، ދަރިވަރުންނަށް ހިންގި ޓެލިކިލާސްވެސް ވަނީ މިވަގުތަށް މެދުކަނޑާލާފައެވެ.