ސިފައިންގެ ކްލަސްޓާއިން 14 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށް ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިއަދުގެ އެންމެ ބޮޑު ކްލަސްޓާ އަކީ އެމްއެންޑީ ކްލަސްޓާ ކަމަށާއި، އެއީ އެމްއެންޑީއެފްގެ ކްލަސްޓާ ކަމަށެވެ.

އަދި މި ކްލަސްޓާގައި 14 މީހަކު ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ، މިއީ ވަރަށް ބޮޑުވެދާނެ ކްލަސްޓާ އަކަށް ވެދާނެތީ ވަރަށް އިސްކަންދީގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިހާތަނަށް ސިފައިންގެ 14 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ކޮވިޑް-19ގެ މި ހާލަތުގައި ހުރިހާ ސިފައިން ދަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެއިން 278 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 17 މީހަކު މިހާރު ބަލިން ރަނގަޅު ވެފައި ވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 261 މީހުންނެވެ.