ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަ ކުރުމަށް މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މަރުވެފައިވަނީ އުމުރުން ދުވަސްވީ ފަރާތެއް ކަމަށެވެ. އަދި މި ކޭސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ މީހަކު މަރުވެފައި ވާއިރު، މިއީ ސާމްޕަލް ނެގި ފަހުން މަރުވި 3 ވަނަ މީހާއެވެ. ނަމަވެސް އަދި މިހާތަނަށް މި 3 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ނަތީޖާ ލިބިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ކޭސްތަކުގެ މައުލޫމާތު މާދަމާ ޓެގް ޓީމުން ދެއްވާނެ ކަމަށެވެ.

ފުރަތަމަ ކޭހަކީ، ގދ. ތިނަދޫގައި އިއްޔެ މަރުވި މީހޣެ ކޭސްއެވެ.. އެއީ 95 އަހަރުގެ މީހަކު ކަމަށާއި، އެއީ ސާރީ ކޭސްއެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ކޭސްގައި އެޗްޕީއޭން އަންގާފައި ވަނީ ހިނެއުމުގެ މަސައްކަތް ކޮށް ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށާއި، އަދި ހޮސްޕިޓަލުން ދިން ޖަވާބުގައި ބުނީ ޕީޕީއީ ކިޓް ބޭނުންކޮށްގެން ޖަމާއަތްތެރިން އެކަން ކުރެއްވުމަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ޖަމާއަތްތެރިން މައްޔިތާ ވަޅުލާން ނިންމީ އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ހިނެއުމުގެ ބަދަލުގައި ތަޔައްމަމް ކޮށްގެން ވަޅުލާ ގޮތަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ގދ ތިނަދޫގައި ދެވަނަ މީހަކު މިއަދު ވަނީ ނިޔާވެފައިވާ ކަމަށާއި، އެއީ 78 އަހަރުގެ މީހެއް ކަމަށެވެ. އެއީ ވެސް ސާރީ ކޭސްއެއް ކަމަށް މަބްރޫކް ވިދާޅުވާއިރު، އޭނާ ނިޔާވީ ވެންޓިލޭޓަަރަށް ލާފައި އޮއްވާ ކަމަށް މަބްރޫކް މައުލޫމާތު ދެއްވައެވެ. މަބްރޫކް ވިދާޅުވީ، މި ދެ މީހުންނާ ދޭތެރޭވެސް ކަންކުރެވުނީ އެއްގޮތަަކަށް ކަމަށާއި، 27 ވަނަ ދުވަހު ސާމްޕަލް ނެގުމަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ ފަރާތުން މި ދެ ކޭސްގެވެސް ހިނެއުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އަންގާފައިވާއިރު، ޖަމާއަތްތެރިންނަށް ޕީޕީއީ ކިޓްތައް ވެސް ފޯރުކޮށްދިނުމަށް އެޗްޕީއޭގެ ފަރާތުން އަންގާފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިއަދު ނިޔާވި މީހެއްގެ އިތުރު ކޭސްއެއް ފެނިފައިވާ ކަމަށާއި އެއީ 88 އަހަރުގެ މީހެއް ކަމަށެވެ. އަދި ދިގުމުއްދަތަށް ބޭސްކުރަމުންދާ ފަރާތެއް ކަމަށާއި މިއީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓެއްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ ފަރާތެއް ކަމަށެވެ. މަބްރޫކް ވިދާޅުވީ، މިއީ ކޮވިޑް ކޭސްއަކަށް ވެދާނެތޯ ނުވަތަ ނޫންތޯ ބަލަަމުންދާ ކަމަށެވެ.