އަމާޒު ބޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ހދ. ދޮނަކުޅި ރިސޯޓުގައި ގާއިމްކޮށްފައިވާ ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

މިކަން ހާމަ ކުރެއްވީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރުމަށް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

ނަރުދޫން ޕޮޒިޓިވް ވި މީހުން ދޮނަކުޅި ރިސޯޓަށް ބަދަ ލުކޮށްފައި ވާއިރު، އެރަށުން ފެންނަނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް (ގައިން ގަޔަށް ބަލި އެރުން) ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ރޭ ވިދާޅުވެފައެވެ. މި ކޭސްގައި، އަމާޒު ބޯޓުގެ ކައްޕިއާއެކު ޖުމްލަ 8 މީހަކު މިހާރުވެސް ޕޮޒިޓިވް ވެފައިވެއެވެ. އަދި މިލަންދޫއިން އަމާޒު ބޯޓާ ގުޅުން ހުރި މީހަކު ޕޮޒިޓިވްވެފައިވާ ކަަމަށްވެސް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

އަމާޒު ބޯއްޓުގެ ކެޕްޓަނާ ކޮންޓެކްޓްވި 8 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އަމާޒު ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 118 މީހަކު މިހާތަނަށް ވަނީ ހޯދާފައެވެ. އޭގެތެރެއިން ހައިރިސްކް 13 މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނިފައިވެއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވް ވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.