މޮނިޓަރިންގައި އޮތް ނ. މިލަދޫން ފުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެޗްޕީއޭ އިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ނ. މިލަދޫން ފުރުން މަނާކޮށްފައި ވަނިކޮށް، މިލަދޫ ޓާސްކް ފޯހާއި އެރަށު ޑެސްކް ފުލުހުންނަށް ނޭނގި ބަޔަކު ފުރައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ސިއްރުން މިލަދޫން ފުރައިގެން ދިޔައީ 4 މީހަކު ކަމަށެވެ. އެއީ، އުމުރުން 23 އަހަރު، 30 އަހަރު، 36 އަހަރުއަދި 38 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މީހުން ވަނީ މިއަދު 3:58 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައި ވަނީ، މިލަދޫން ފުރައިގެން ދިއުމަށްފަހު އަނބުރާ މިލަދޫއަށް ގޮސް، ފަޅަށް ވަންތަނުން ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 ރާއްޖޭގެ ރަށްތަކުގައި ފެތުރުމުގެ ބިރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ މި އެންގުމާ ހިލާފަށް އެރަށުން އަނެއް ރަށަށް ދަތުރު ކުރަމުންދާ ފަރާތްތައް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.