ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާ އިން ފެށިގެން ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް 14 ދުވަހަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި އަންނަ މަހުގެ 14 އާ ހަމައަށް ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުންގެ ހާލަތުގައި ކަމަށެވެ.

އެޗްޕީއޭން މާލެ އާއި ވިިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ މި މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު، މި މަހުގެ 17 އިން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލިއެވެ. އެ މުއްދަތު ހަމަވާނީ މާދަމާގެ މެންދުރަށެވެ. މިމަހުގެ 30 ވަނަ ދުވަހަށެވެ.

މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އޭގެ ފަހުން މާލެ އަށް އެ ބަލި ފެތުރިފައިވާކަން ހާމަވެ، 150 އަށް ވުރެ ގިނަ މީހުން ވަނީ މާލެ އިން އެކަނި ވެސް ޕޮޒިޓިވްވެފައެވެ. މުޅި ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 250 އެވެ.

ލޮކްޑައުންގެ މުއްދަތުގައި ކުރުން މަނާ ކަންކަންތައްތަކުގެ ގޮތުގައި އެޗްޕީއޭން ކަނޑައަޅާފައި ވަނީ އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުމާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމާއި މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައި ފޭބުމެވެ. ނަމަ ވެސް މި ހާލަތުގައި އިސްތިސްނާ ފަރާތްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުނާއި ސިއްހީ ހިދުމަތް ދޭ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުންނާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާގެ މީހުންގެ އިތުރުން ފުލުހުން ހުއްދަ ދީފައިވާ ފަރާތްތައް ހިމެނެއެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި މިދިޔަ މާޗް 12 އިން ފެށިގެން ރާއްޖޭގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.