ކޮވިޑް19 އާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތައް ގަތުމަށް ރާއްޖެ އިން ދީފައިވަނީ ބިޑަކާ ނުލާ ކަމަށާއި އެކަން އެގޮތަށް ކުރީ އެ ވެންޓިލޭޓަރުތައް އަވަހަށް ބޭނުންވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ކުރެއްވުމަށް ފޮނުއްވި ސުވާލުތަކަށް ލިޔުމުން ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މިދިޔަ މަހުގެ 15ވަނަ ދުވަހު ރާއްޖެއިން 200 ވެންޓިލޭޓަރު ގެނައުމަށް ނިންމި ކަމަށެވެ. އެތަކެތި އަވަހަށް ބޭނުންވެފައި ވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ތިން ކުންފުންޏަކާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އެ ތިން ކުންފުންޏަކީ އެސްޓީއޯ އަދި މެޑްޓެކާއި ނާޑް މޯލްޑިވްސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ތިން ކުންފުންޏަކީ މީގެކުރިން ވެސް އެސްޓީއޯ އަށް ސިއްހީ ތަކެތިތައް ފޯރު ކޮށްދީފައިވާ އިތުބާރު ހިފިފައިވާ ކުންފުނިތަކެއް ކަމަށް އަމީން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް އަމީން ވިދާޅުވިއެވެ. އެންމެ ބޮޑު ދައްޗަކީ އަމީން ފާހަގަކުރެއްވި ގޮތުގައި ކޮވިޑް19 ގެ ސަބަބުން ގައުމުތައް ލޮކްޑައުން ކޮށްފައި އޮތުމުން އެތަކެތި ލިބުމަށް ކުރިމަތިވި ދަތިތައް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ހުރުމުން ކުންފުނިތަކަށް ތަކެތި ސަޕްލައި ކުރުމަށް ލަސްތަކެއް ވާނެ ކަމަށް ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުންފުނިތަކުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއީ ކޯޓޭޝަން ހުށަހެޅިއިރު އުއްމީދު ކުރި ގޮތެއް ނޫން ކަމަށް ވެސް ކުންފުނިތަކުން ވަނީ އަންގާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުނިތަކަށް އަގުތައް އަދާކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއވެެ. އެހެންކަމުން ތަކެތި ސަޕްލައި ކުރެވޭނެ ތާރީހެއް ހޯދުމާއި އަވަސް ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން އެ ކުންފުނިތަކާ މަޝްވަރާ ކޮށްފައިވާ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ.

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސްއާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގުތައް ބަލައި ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ހަމަޖައްސާފައިވާ ކަމަށެވެ. އެ ތަކެތި މެއި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީންގެ ޖަވާބުގައި ވިދާޅުވީ މެޑްޓެކް ކުންފުންޏާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު ވެސް މެއި މަހުގެ ފުރަތަމަ ދުވަހު ގެނެވޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށާއި 10 ވެންޓިލޭޓަރު އެ މަހުގެ 15 ވަނަ ދުވަހު ގެނެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.