ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލް ކޮމެޓީން ފާސްކޮށްފިއެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމަށް "ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ހާއްސަ ބިލް 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މި ބިލު ފާސްކުރިއިރު ބިލަށް ކުދިކުދި ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ އިންތިހާބުވެސް ކައުންސިލް އިންތިހާބާއި އެކުގައި ބާއްވަން ޖެހޭނެ ކަމަށް ބުނެ ބިލަށް މާއްދާއެއް ވަނީ އިތުރު ކޮށްފައެވެ.

މީގެއިތުރުން އަލުން ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރުމަށާއި ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަންކަން އަލުން ކުރަންޖެހޭ ގޮތަށް މާއްދާއެއް ވަނީ އިތުރު ކޮށްފައެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އަދި ފަހުން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދިޔަައީ އެކަމަކީ މަޖިލީހުން ހައްލު ހޯދަންޖެހޭ ކަމެއް ކަމަށް މަޖިލީހުން ނިންމުމުންނެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލް ކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހަށެވެ. އޭގެ ފަހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ކައުންސިން އިންތިހާބު ބޭއްވުމަށް ފަސްކުރެވިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހަށެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު އިންތިހާބަށް ޕާޓީތަކުން ކުރަމުންދިޔަ ކެމްޕޭން ވަނީ ހުއްޓާލާފައެވެ. އަދި ފަހުން އިލެކްޝަނުން ވަނީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ކަނޑައަޅާ އެކަން އިއުލާން ކޮށްފައެވެ.

އަލަށް ފާސްކުރި ބިލާއެކު ކައުންސިލްތަކުގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 6 ގެ ކުރިން ބާއްވަން ޖެހޭނެއެވެ.