ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 މިހާރު ރާއްޖޭގައިވެސް ފެތުރެން ފަށާފައި ވާއިރު، ކޮވިޑަށް ޕޮޒިޓިވް ވި ކޭސްތަކަށް ބަލާއިރު މިހާރު ފަރުވާ ދެމުންދާ ކޭސަތަކުގެ ތެރޭގައި 33 ކުޑަކުދިން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ހާމަ ކޮށްފިއެވެ.
ރޭ ދަރުބާރުގޭގައި ކޮވިޑް-19 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، 12 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން ބަލި ޖެހުނު ކުރިންގެ އަދަދު 33 އަށް އަރާފައި ވާ ކަމަށެވެ.
މީގެއިތުރުން 12 އަހަރާ 40 އަހަރާ ދެމެދުގެ 116 މީހުންނާއި 40 އަހަރާ 60 އަހަރާ ދެމެދުގެ 50 މީހުން ހިމެނޭ ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވީ ދެ މީހަކަށް ބަލި ޖެހިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވެފައި ވާއިރު، އެއީ 68 އަހަރުގެ ދިވެހި އަންހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާތަނަށް އައިއިރު ޕޮޒިޓިވް ވެފައިވާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި ބަލި ޖެހުނު މީހުންގެ ފަރާތުން ފެނިފައި ވަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށް ވާއިރު، ބައެއް މީހުންގެ ފަރާތުން އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ޑރ.އަފްޒަލް ވިދާޅުވެއެވެ. އަދި ދެމީހަކު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޓަލުގެ ޑީއެޗް11 އަށް ވަނީ ބަދަލުކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 250 މީހުން ޕޮޒިޓިވްވެފައި ވާއިރު، އެމީހުންގެ ތެރޭގައި ހިމެނެނީ 99 ދިވެހިންނާއި 151 ބިދޭސީންނެވެ.