ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންގެ ހަށި ރައްކަލަކަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އެކަށީގެންވާ މިންވަރަށް ނެތްކަމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން އިއުތިރާފުވެ ވަޑައިގެންފިއެވެ.
ނަމަވެސް ޕޫޓިން މީގެ ކުރިން ވަނީ ގިނަ އަދަދަކަށް ޕީޕީއީ އިމްޕޯޓް ކޮށް، އުފައްދަމުން ދާ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19ގެ އެންމެ ޕީކަށް ރަޝިއާ އަދި ގޮސްފައި ނުވާއިރު، އެކަމަށް މުޅި އާބާދީ ސަމާލުވެ އޮތުމަށް ވެސް ޕޫޓިން ވަނީ އިންޒާރު ކުރައްވާފައެވެ.
ރަޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 93000 އަށްވުރެ މައްޗަށް އަރާފައި ވާއިރު 867 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ރެކޯޑް ކޮށްފައި ވެއެވެ.
މިފަދަ ދަނޑިވަޅެއްގައި ޓީވީ މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ، ކޮވިޑް-19ގެ އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތްކަމަށެވެ. ކުރިއާ އަޅާ ބަލާއިރު ޕީޕީއީ އުފައްދާ މިންވަރު އިތުރުކޮށްފައި ވީ ނަމަވެސް، އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތްކަން ޕޫޓިން ވަނީ ފާހަގަ ކުރައްވާފައެވެ.
ރަޝިއާއިން މިހާރު ދަނީ ދުވާލެއްގެ މައްޗަށް 100000 އެއްހާ ޕްރޮޓެކްޓިވް ސޫޓު އުފައްދަމުންނެވެ. މާޗް މަހު މި އަދަދު އުޅުނީ 3000 ގައެވެ. ހަމަ މިއާއެކު އެގައުމުގައި މާސްކު އުފައްދާ މިންވަރުވެސް ވަނީ 10 ގުނަ އިތުރުކޮށްފައެވެ. އެގޮތުން މި އޭޕްރިލް މަހު ރަޝިއާއިން ވަނީ ދުވާލަކު 8.5 މިލިއަން މާސްކު އުފައްދާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރަންޖެހޭ ކަމުގެ ޝަކުވާ، ރަޝިއާއިންވެސް ދަނީ ފެންމަތިވަމުންނެވެ.
ޕޫޓިން ވިދާޅުވީ ކޮވިޑް-19 ކާވް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، ރައްޔިތުން އަދިވެސް ފަރުދީ ފެންވަރުގައި އެކަހެރިވެ ތިބެންޖެހޭ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރަޝިއާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުން އަމުރުގެ މުހުލަތު، އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރު ކޮށްފައެވެ.