ހުއްދަ ނުހޯދާ ނ. ލަންދުއަށް ދިޔަ ބަޔަކު އެރަށަށް ނާރުވާ އަނބުރާ ފޮނުވާލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ނ. މަނަދޫން 2 މީހަކު އެރަށު ޓާސްކްފޯހަށް ނޭނގި ޑިންގީއެއްގައި ފުރައިގެން ލަންދުއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ލަންދޫ ޓާސްކް ފޯހުން ވަނީ އެ މީހުން ލަންދޫ ފަޅުން ވަނަ ނުދީ ހުރަސް އަޅާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ލަންދޫ ޓާސްކްފޯހުން އެމީހުން އެރަށަށް އެރުމުގެ ހުއްދަ ނުދިނުމުން އަނބުރާ މަނަދޫއަށް ގޮސްފައިވާ ކަމަށެވެ. އަދި ރަށު ޓާސްކްފޯސްތަކުގެ ހުއްދައާ ނުލާ ދަތުރު ކުރުމާއި އަދި ރަށުގެ މަސްލަހަތު ގެއްލޭގޮތަށް އަމަލުކޮށްފައިވާ މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޯޓު އަމުރެއްގެ ދަށުން މިރޭ 9:25 ގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރާއި 40 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަނަދޫން ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގެ ރަށްތަކުގައި ފެތުރުމުގެ ބިރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ މި އެންގުމާ ހިލާފަށް އެރަށުން އަނެއް ރަށަށް ދަތުރު ކުރަމުންދާ ފަރާތްތައް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.