ހުއްދަ ނުހޯދާ ށ. ބިލެއްފަހިން ށ. ފޭދުއަށް ދިޔަ 3 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ބިލެއްފަހި މޮނިޓަރިންގެ ހާލަތަށް ގެނެސް އެ ރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނިކޮށް އިއްޔެ ހަވީރު 5:58 ހާއިރު ފޭދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން ށ. ބިލެއްފަހަށް ބަޔަކު ގޮސްފައިވާ ކަމަށެވެ.

ހުއްދަ ނުހޯދާ ބިލެއްފައްސަށް ދިޔައީ 3 މީހަކު ކަމަށާއި އެ 3 މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި 3 މީހުންނަކީ އުމުރުން 27 އަހަރާއި 28 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ބިލެއްފައްސަށް ދިއުމަށްފަހު އަންބުރާ ފޭދޫއަށް ދިޔަ މަގުމަތީގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުއްދަ ނުހޯދާ ބިލެއްފަހިން ފޭދޫއަށް ދިޔަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ވަނިކޮށް ދޯންޏެއް ވަގަށް ނަގައި، ނ. މާޅެންދޫން ނ. ކެނދިކުޅުދުއަށް ދިޔަ ދެ މީހަކު ވެސް ރޭ ވަނީ ހައްޔަރުކޮށްފައެވެ. އެމައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ހދ. ކުރިނބީން ހދ. ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ބަޔަކުވެސް ހައްޔަރު ކޮށްފައިވެއެވެ.

މީގެ ކުރިންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ދަތުރު ކުރުން މަނާ ކޮށްފައި ވަނިކޮށް ހދ. ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށީ ސިޓީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ، ކުޅުދުފުއްޓަށް އަރާފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. އަދި ފުލުހުން ވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.