ކޮވިޑަށް ޝައްކު ކުރެވި، ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ގދ. މަޑަވެލި މީހަކު މަރުވުމުން އޭނާ ވަޅުލީ ތަޔައްމަމް ކޮށްފައި ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، އާންމުކޮށް ހިނަވާގޮތަށް ހިނެވިޔަސް މައްސަަލައެއް ނެތް ކަމަށް ތިނަދޫ ހޮސްޕިޓަލުން ޖަމާއަތްތެރިންނަށް އެންގި ކަމަށާއި ނަމަވެސް ޖަމާއަތްތެރިން ނިންމީ މައްޔިތާ ތަޔައްމަމް ކުރަން ކަމަށެވެ. އަދި ހޮސްޕިޓަލުން ވަނީ އެސްއޯޕީގައި ވާ ގޮތުގެ މަތިން ޖަމާއަތްތެރިންނަށް ޕީޕީއީ ވެސް ފޯރުކޮށްދީފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި ހިނެއުމާއި ވަޅުލުމުގެ ކަންކަން ކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި މިވަގުތު މީހަކު ސާސް އަށް ޝައްކު ކުރެވޭ ނަމަވެސް ކަންކުރަމުން ދާނީ ހަމަ މި އުސޫލުން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާގެ އާއިލާ މީހުން ކައިރީ އޭނާއަކީ ކޮވިޑަށް ޝައްކު ކުރެވޭ މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ސާމްޕަލް ނަގާފައި ވީ ނަމަވެސް ނަތީޖާ އަދި އާއިލާއަކަށް ނާންގައެވެ. އެމީހާއަށް ފަރުވާ ދިން މީހުން ސަލާމަތީ ގޮތުން ބޭނުން ކުރަންޖެހޭ އެއްޗިހި ބޭނުން ނުކުރާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ކަމާ ގުޅިގެން މަރުވި މީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލައެއް ހުށަނާޅާ ކަމަށް ފުލުހުން ބުނެއެވެ.