ކުރެއްދޫ އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްގެ ތެރެއިން 77 ސާމްޕަލްއެއް ހުރީ ޕެންޑިންގައި ކަމަށް ކޮވިޑްގެ ތަރަުޖާމަނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކުރެއްދޫއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ މޮނިޓަރިންގެ ހާލަތުން އެރަށް އާންމު ހާލަތަށް ބަދަލުކުރުމުގެ ކުރިން ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން އެ ރަށް އާންމު ހާލަތަށް ގެނވި ހުރިހާ މުވައްޒަފުންނަށް ރަށަށް ދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން 649 ސާމްޕަލެއް ނެގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރެއިން 354 ސާމްޕަލް ޓެސްތު ކުރެވުނީ އައިޖީއެމްއެޗް ލެބޯޓަރީން ކަމަށާއި 221 ސާމްޕަލް ޓެސްޓު ކުރެވުނީ ޕޮލިސް ލެބޯޓްރީން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާތަނަށް ސާމްޕަލްގެ ތެރެއިން 74 ސާމްޕަލްއެއް ޕެންޑިންގައި އެބަހުރި ކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

ކުރެއްދޫއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސް ފެނުނު ރިސޯޓެވެ. ރާއްޖެއަށް އައި އިޓަލީ ފަތުރުވެރިއެއް ފުރައިގެން ދިޔަ ފަހުން އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުމުން ކޮންޓެކްޓްވީ މީހުން ދެނެގަނެވި އޭނާގެ ފަރާތުން މިބަލި ޖެހުނު މީހުން ފުރަތަމަ ފެނިފައިވަނީ އެ ރިސޯޓުންނެވެ.

އެގޮތުން އެ ރިސޯޓުން އެންމެ ފުރަތަމަ ދެ ކޭސް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހުއެވެ. އެއަށްފަހު މާޗް 9 ވަނަ ދުވަހު އިތުރު ދެ ކޭސް ފެނިފައި ވެއެވެ. އަދި މާޗް 14 ވަނަ ދުވަހު އެއް ކޭސް ފެނިފައިވެއެވެ. އެ ރިސޯޓުން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 5 މީހުންނެވެ.