ށ. ނަރުދޫއިން ފެންނަނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް (ގައިން ގަޔަށް ބަލި އެރުން) ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ށ. ނަރުދޫގައި އަމާޒު ބޯޓުގެ ކައްޕިއާއެކު ޖުމްލަ 8 މީހަކު މިހާރުވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ށ. މިލަންދޫއިން އަމާޒު ބޯޓާ ގުޅުން ހުރި މީހަކު ޕޮޒިޓިވްވެފައިވާ ކަަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އަމާޒު ބޯއްޓުގެ ކެޕްޓަނާ ކޮންޓެކްޓްވި 8 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އަމާޒު ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 113 މީހަކު މިހާތަނަށް ވަނީ ހޯދާފައެވެ. އޭގެތެރެއިން ހައިރިސްކް 35 ފަރާތެއް ހިމެނޭ ކަމަށާއި 11 މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނިފައިވެއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.