މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ށ. މިލަންދޫ މީހަކުވެސް ހިމެނޭކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިައދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިލަންދޫ މީހަކާއި ށ. ނަރުދޫގެ ހަ މީހަކު ހިމެނޭ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވަނީ މިލަންދޫން ޕޮޒިްޓިވް ވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުކުރި މީހެއް ކަމަށާއި ނަމަވެސް އޭނާ ޕޮޒިޓިވް ވެފައި ވަނީ އެ ބޯޓުން ކަމެއް ނުވަތަ ރިސޯޓުން ކަމެއް ބުނަން އެބގިވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ އޭނާ އަކީ ކުރިން ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަހު މާލެއިން އައި މީހަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެމީހާ އަކީ މިލަންދޫގައި ހޯމް އައިސޮލޭޝަންގައި ހުރި މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަމާޒު ބޯޓުގެ ކެޕްޓަން އުމުރުން 49 އަހަރު (ކޭސް 133) ކޮވިޑް-19 އަށް ޕޮޒިޓްވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަމާޒް ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 101 މީހަކު މިހާތަނަށް ހޯދާފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ ރޭގައެވެ.
އެ ކޭސް އާ ގުޅިގެން ތިން އަތޮޅެގެ 14 ރަށެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާއިރު، އޭގެތެރޭގައި ނަރުދޫ އާއި މިލަންދޫގެ އިތުރުން ށ. އަތޮޅުގެ ތިން ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.
މިއަދާ ހަމައަށް ނަރުދޫއިން ހަތް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއީ މިލަންދޫއިން ޓެސްޓް ކުރި ފަސް މީހުންގެ ތެރެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. އަދި އޭގެ ތެރެއިން އެކަކުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށާއި ބާކީ ތިން މީހުންގެ ނަތީޖާ ނުލިބޭ ކަމަށް އެރަށު ކައުންސިލުން "ދަ ޕްރެސް"އަށް ވަނީ މައުލޫމާތު ދީފައެވެ.