ށ. ނަރުދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެ، އެރަށުގެ ޖުމްލަ އަދަދު 7 އަރައިފިއެވެ.

ދަ ޕްރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ށ.ނަރުދޫން ޕޮޒިޓިވް ވެފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަންގެ އަނބިމީހާ އާއި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން އަމާޒު ބޯޓުގެ ދެ ކުރޫއިންނެވެ.

މިހާރު ނަރުދޫގައި ތިބި އެ ހަ މީހުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ކުރަމުން ކަމަށްވެސް މައުލޫމާތި ލިބެއެވެ.

އަމާޒު ބޯއްޓުގެ ކެޕްޓަނާ ކޮންޓެކްޓްވި 7 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އަމާޒު ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 101 މީހަކު މިހާތަނަށް ހޯދާފައިވާ ކަމަށް އެޗްޕީއޭން ބުނެފައި ވަނީ ރޭގައެވެ.

އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.