ކޮވިޑް19 އާއި ގުޅިގެން ނަފްސާނީ ބަލި ހުންނަ މީހުން ބޭނުން ކުރާ ބޭހުގެ ދަތިތަކަން އެބަހުރި ކަމަށާއި ނަމަވެސް އެފަދަ މީހުންގެ ބޭސް އެއްކޮށް ހުސްވިޔަ ނުދީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ޑރ. އާރިފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އާރިފް މުހައްމަދު ވިދާޅުވީ، ނަފްސާނީ ބޭހުގެ ދަތިކަމަކީ ލޮކްޑައުންގެ ކުރިންވެސް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށާއި، އެހެން ނަމަވެސް އެސްޓީއޯ އާއި ހެލްތް މިނިސްޓްރީއާއި ގުޅިގެން ނަފްސާނީ ބަލީގެ ބޭހުގެ ސަޕްލައި ހުސްނުވާނެހެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނަފްސާނީ ބޭހުގެ ދަތިކަމަކީ ލޮކްޑައުންގެ ކުރިންވެސް ދިމާވެފައިވާ ގޮންޖެހުމެއް. އަދި މިދަނޑިވަޅުގަ އަޅުގަނޑުމެންނަށް އިޝޫއަކަށް ވުން އެކަށީގެންވާ ކަމެއް އެއީ. އެހެން ނަމަވެސް އެސްޓީއޯ އާއި ހެލްތް މިނިސްޓްރީއާއި ގުޅިގެން ނަފްސާނީ ބަލީގެ ބޭހުގެ ސަޕްލައި ހުސްނުވާނެހެން މަސައްކަތް ކުރާނަން" ޑރ. އާރިފް ވިދާޅުވިއެވެ.

ޑރ. އާރިފް ވިދާޅުވީ މިވަގުތު ބޭނުންވާ ވަރަށް އެބޭހުގެ ސަޕްލައިނެތް ކަމަށާއި، އެންޓި އެންޒައިޓީ މެޑިކޭޝަންއަކީ މިދުވަސްކޮޅު އެންމެ ބޭނުންވާ ބޭހުގެ ބާވަތް ކަމަށެވެ. އަދި އެބޭސް ހުސްނުވެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޭހުގެ އާ ސްޓޮކް ގެނެވޭތޯ އެސްޓީއޯއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ. އާރިފް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރި ހޮޓްލައިނުން ތައްޔާރު ކުރި ރިމޯޓް ސެޓަޕާއެކު، ސައިކޯ ސޯޝަލް ފަސްޓްއެއީޑާސް ބޭނުންކޮށްގެން މީހުންނަށް ނަފްސާނީ އެހީތެރިކަން ދެމުންދާ ކަމަށާއި މިހާތަނަށް މިހާތަނަށް ރިމޯޓް އޮޕަރޭޝަން ހުޅުވާލެވުނު ފަހުން 95 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން މޯލްޑިވިއަން ރެޑްކްރިސެންޓުން ބުނެއެވެ.

ކޮވިޑް19 ފެތުރެން ފެށުމާއި ގުޅިގެން ރެޑްކްރެސެންޓުން ދައުލަތުގެ ނޭޝަނަލް އޮޕަރޭޝަން ސެންޓަރާއި ގުޅިިގެން ގިނަ މަސައްކަތްތައް ކުރަމުންދެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ކުރަމުންދާ އެއް މަސައްކަތަކީ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ކޮވިޑް19 އާ ގުޅިގެން މިހާތަނަށް 1468 ފަރާތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ރެޑްކްރިސެންޓުން ބުނެއެވެ.