އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިތުރު 6 މީހަކު ޕޮޒިޓިވްވިކަން އެނގެގިގެން ދިޔައީ ހެލްތު މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ކޮވިޑް19 ގެ ޑޭޝް ބޯޑުންނެވެ. ރެއާ ހަމައަށް ރާއްޖެއިން ކޮވިޑް19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނޫ 250ގައެވެ.
ނަމަވެސް މިއަދު ހެލްތު މިނިސްޓްރީގެ ޑޭޝް ބޯޑުގައި ވަނީ މުޅި ރާއްޖެއިން ކޮވިޑް19 އަށް 256 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. ހެލްތު މިނިސްޓްރީގެ ޑޭޝް ބޯޑު ދައްކާ ގޮތުގައި ކޮވިޑް19 އަށް އެންމެ ގިނައިން ރާއްޖެއިން ޕޮޒިޓިވްވި މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެއީ 115 މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. މި ބައްޔަށް މިހާތަނަށް 104 ދިވެއްސަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
މާލެއިން ކޮވިޑް19 ފެނިފައިވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން މާލެއިންނާއި ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް މީހުން އަންނަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މާލެއިން ބޭރުން ރާއްޖޭގެ ބައެއް ރަށްތަކުން ވެސް މި ބައްޔަށް ޕޮޒިޓިވްވި މީހުން ވަނީ ފެނިފައެވެ.
މާލެއިން ކޮވިޑް19 ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމި 14 ދުވަހުގެ މުއްދަތު މާދަމާ ހަމަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައެވެ.