މިދިޔަ އަހަރު އެމެރިކާއިން ސޯމާލިއާއަށް ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 2 މީހުން މަރުވެ، 3 މީހުން ޒަހަމްވެފައިވާކަމަށް އެމެރިކާއިން އިއުތިރާފުވެއްޖެއެވެ.

މިފަދަ ކަމަކަށް އިއުތިރާފުވުމަކީ އެމެރިކާއިން ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

ސޯމާލިއާއަށް ދިން ހަމަލާގައި އާންމުންގެ ބަޔަކު މަރާލެވިފައިވާކަމަށް އެމެރިކާއިން އިއުތިރާފުވެފައިވަނީ، އެފްރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ކޮމާންޑް (އެފްރިކޮމް)އިން ފުރަތަމަ ފަހަރަށް ޝާއިއުކުރި އެސެސްމަންޓް ރިޕޯޓްގައެވެ.

2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު ދިން ހަމަލާގައި އާންމުންގެ ބަޔަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެފައިވާކަމަށްޓަކައި މައާފަށް އެދޭ ކަމަށްވެސް އެފްރިކޮމްގެ ކޮމާންޑަރު އަދި އެމެރިކާ އަސްކަރިއްޔާ ޖެނެރަލް ސްޓީވަން ޓައުންސެންޑް ވަނީ ރިޕޯޓްގައި ފާހަގަކުރައްވާފައެވެ.

އެމެރިކާއިން ބުނާ ގޮތުގައި ވައިގެ މަގުން ދިން އެ ހަމަލާ އަމާޒުކުރީ އަލް ގައިދާއާއި ގުޅުން އޮންނަ އަލް-ޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިންނަށެވެ.

އާންމުން މަރުވެފައިވަނީ އެމެރިކާގެ ވައިގެ ހަމަލާގައި ނުވަތަ އެ ހަމަލާގައި އަލް –ޝަބާބުގެ ހަނގުރާމަވެރިން ގޮއްވާލި ގޮއްވާލުމެއްގައި ކަމަށްވެސް އެމެރިކާގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން، 2018 ވަނަ އަހަރުވެސް އެފްރިކޮމްއިން ސޯމާލިއާގައި ހިންގި އޮޕަރޭޝަންއެއްގައި އާންމުންގެ ބަޔަކު މަރުވިކަމަށް އެމެރިކާއިންވަނީ އިއުތިރާފުވެފައެވެ.