ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ޚަބަރުތައް ފެތުރެމުންދަނީ ހަމަ އެހާމެ ހަލުވި ދުވެއްޔެއްގައެވެ. މި ގޮތުން ފާހަގަކުރެވުނު އެއް ޚަބަރަކީ އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ކޮންޓްރޯލް ކުރާ ކަމަށް ބުނާ ޚަބަރެކެވެ. އެގޮތުން ބައިނަލްއަގުވާމީ މަސްރަހުން ފާހަގަކުރެވުނު ކޮވިޑް-19ގެ އެންމެ ނުރައްކާ މަންޒިލްތަކާ އަޅާ ބަލާއިރު، އިންޑިއާގެ ބޮޑެތި ސިޓީތަކުން މި ބަލީގައި މަރުވި މީހުންގެ އަދަދު، ނިސްބަތުން މަދު ކަމަށް ބުނެވެއެވެ.

އިންޑިއާއިން ކޮވިޑް-19ގެ ކޭހެއް ރިޕޯޓްކުރީ މީގެ 2 މަހެއްހާ ދުވަސް ކުރިންނެވެ. އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 29451 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދަކީ 939 ކަމަށް ރެކޯޑްތަކުން ދައްކައެވެ. އާބާދީގެ ނިސްބަތުން ކޮންމެ 1 މިލިއަން މީހަކަށް ބަލާނަމަ އެއީ އެންމެ 0.7 މީހުންނެވެ.

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިއަރުގައި ތިބި އިންޑިއާ ފުލުހުންގެ ފައުޖެއް މުމްބާއީގައި ހަރަކާތްތެރިވަނީ/ފޮޓޯ: ޕްރަމޫދު ޓާކޫރު

ބަލިމަޑުކަމުގައި މީހުން މަރުވާ ރޭޓް ހިސާބުކޮށް، ފަހުމްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މީހުން މަރުވާ ނިސްބަތް ދެގުނަ ވާން ނެގި މުއްދަތު ދެނެގަތުމެވެ. އިންޑިއާއަށް ބަލާއިރު މިއީ ގާތްގަނޑަކަށް 9 ދުވަހެވެ. އޭޕްރިލް 25 ނިޔަލަށް އިންޑިއާއިން 825 މަރު ރިޕޯޓްކޮށްފައިވާއިރު، އޭޕްރިލް 16 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވަނީ އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކޭހެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ހެޔޮ ޚަބަރެކެވެ. ބަލިމަޑުކަމުގެ މި ހާލަތުގައި އެމެރިކާގެ ނިއުޔޯކް ސިޓީއިން މަރުވި މީހުންގެ ނިސްބަތް ދެގުނަ ވެފައިވަނީ 2 ނުވަތަ 3 ދުވަހުން ކަމަށް ބުނެވެއެވެ.

އާންމު ސިއްހަތާ ބެހޭ ތަޖުރިބާކާރުންނާ ޑޮކްޓަރުން ބުރަވާ ގޮތުގައި، އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާ، މި ބަލީގައި މަރުވާ މީހުންގެ ރޭޓު ކޮންޓްރޯލް ކޮށްފައިވަނީ މަސްދުވަހަށްވުރެ ދިގުލާ ގޮސްފައިވާ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާއެކުގައެވެ.

މެޑިކަލް ޖާނަލްއެއް ކަމަށްވާ "ލޭންސެޓް" ބުނާ ގޮތުގައި، ކޮވިޑް-19ގެ ކާވް ފްލެޓް ކުރުމަށް، ލޮކްޑައުންގެ ސަބަބުން އެދޭވެ އަސަރުތަކެއް މިހާރުވެސް ދަނީ ފެންނަމުންނެވެ.

އިންޑިއާގެ އެންމެ ބައިބޯ އެއް ސްޓޭޓް ކަމަށްވާ ކެރެލާ/ފޮޓޯ: ގެޓީ އިމޭޖަޒް

އަނެއް ބަޔަކު ބުރަވާ ގޮތުގައި އިންޑިއާގައި ކޮވިޑް-19ގެ ޝިކާރައަކަށްވެސް މީހުން މަރުވާ ރޭޓް ކޮންޓްރޯލް ވެފައިވަނީ، އިންޑިއާގެ އާބާދީއަކީ ނިސްބަތުން ޒުވާން އާބާދީއަކަށް ވުމެވެ. ކޮވިޑް-19އަކީ ދޮށީ އުމުރުގެ މީހުންނަށް އިންތިހާއަށް ނުރައްކާ ބޮޑު ބަލިމަޑުކަމެކެވެ.

ހަމަ މިފަދައިން، އިންޑިއާގައި ފެތުރެމުންދަނީ ވައިރަހުގެ ބާރު ދެރަ ސްޓްރެއިން ކަމަށް ބުނާ މީހުންވެސް އުޅެއެވެ. އަދި އިންޑިއާގެ ހޫނު މޫސުމަކީވެސް މިކަމުގައި އޮތް ސަބަބެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ކަންމިހެން އޮތް ނަމަވެސް، މިއީ އިތުބާރު ހިފޭ އެއްވެސް ކަހަލަ ހެއްކެއްގެ އަލީގައި ސާބިތުވެފައިވާ ކަންތައްތަކެއް ނޫނެވެ. އިންޑިއާގެ ޑޮކްޓަރުންނާ ހަވާލާދީ، ބީބީސީގެ އިންޑިއާ ކޮރަންޕޯންޑަންޓް ސޯދިގު ބިސްވާން ވަނީ، އިންޑިއާގައި ފެތުރެމުންދާ ވައިރަހަކީ، ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ފެތުރެމުންދާހާ ނުރައްކާތެރި ވައިރަހެއް ކަމަށް ބުނެފައެވެ.

އިންޑިއާއިން ކޮވިޑް-19ގައި މަރުވާ މީހުންގެ ރޭޓް ކޮންޓްރޯލް ކުރާ ގޮތާ މެދު ދޭނެ ޖަވާބެއް ނޭނގެއެވެ.

އިންޑިއާ ދަރިކޮޅުގެ އެމެރިކާ ފިޒީޝަން އަދި އޮންކޮލޮޖިސްޓެއް ކަމަށްވާ ސިދާތާ މުކަރުޖީއާއި ހަވާލާދީ ބިސްވާން ބުނީ، އިންޑިއާއިން ކޮވިޑް-19ގައި މަރުވާ މީހުންގެ ރޭޓް ކޮންޓްރޯލް ކުރުމުގައި ނޭނގި އޮތް އެއް "މިސްޓްރީ" އަކީ، އެގައުމުން އެކަށީގެންވާ މިންވަރެއްގައި ކޮވިޑް-19އަށް ޓެސްޓު ކުރަމުން ނުދާކަމެވެ. ޓެސްޓު ކުރާ މިންވަރު އިތުރުކޮށްފިނަމަ ޖަވާބު ނޭނގި އޮތް ސުވާލުގެ މައްސަލަ ހައްލު ވާނެ ކަމަށް އޭނާ ބުނެއެވެ.

އިންޑިއާގެ އެންމެ ބައިބޯ އެއް ސްޓޭޓް ކަމަށްވާ ކެރެލާ/ފޮޓޯ: ގެޓީ އިމޭޖަޒް

މި ޓެސްޓުތަކަކީ، ކޮވިޑް-19އަށް މިހާރުވެސް ޕޮޒިޓިވްވެފައިވާ މީހުން ދެނެގަތުމަށް ހަދާ ޓެސްޓާ، މީގެ ކުރިން ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓުތަކަކަށްވެސް ވާންޖެހެއެވެ.

މިހާ ހިސާބުން ކުރެވޭ އަނެއް ސުވާލަކީ އިންޑިއާއިން ކޮވިޑް-19ގައި މަރުވާ ބައެއް ކޭސްތައް "މިސް" ވަނީ ތޯ ކުރެވޭ ސުވާލެވެ.

ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ ގައުމުތަކަށް ބަލާއިރު، މި ބަލީގައި މަރުވާ މީހުންގެ ތަފާސް ހިސާބުތައް އާންމުކުރުމުގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އުޅެއެވެ. އެއީ ގަސްތުގައި ނޫންކަމުގައި ވީ ނަމަވެސް، ބައެއް އަދަދުތައް އުނިވެފައިވާކަމަށްވެއެވެ.

ކޮވިޑް-19ގެ އަސަރުކޮށްފައިވާ 12 ގައުމަކުން ތަފާސް ހިސާބުތައް އެއްކޮށްގެން ނިއު ޔޯކް ޓައިމްސްއިން ކުރި ދިރާސާއަކަށް ބަލާއިރު، ކޮވިޑް-19 ގައި މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ ލިސްޓަށް އިތުރު 40000 ކޭހެއް އެއްކުރަންޖެހެއެވެ. މީގެ ތެރޭގައި ކޮވިޑް-19ގެ ވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންނާ، އެފަދަ އަލާމާތެއް ކަމަށް ބެލެވޭ މީހުންވެސް ހިމެނެއެވެ.

14 ގައުމަކުން މައުލޫމާތު އެއްކޮށްގެން ފައިނޭޝަންލް ޓައިމްސްއިން ކުރި ދިރާސާއަށް ބަލާއިރު، ކޮވިޑް-19ގައި މަރުވި މީހުންގެ ހަގީގީ އަދަދުތައް، ރަސްމީ ރެކޯޑްތަކަށްވުރެ 60 ޕަސެންޓް އިތުރުކަމަށް ދައްކައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ފިހާރައެއްގެ ކުރިމަތީގައި، މާސްކެއް އަޅައިގެން އިން ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ޖުވެލް ސަމަދު

މި 2 ދިރާސާގައިވެސް އިންޑިއާ ހިމަނާފައެއް ނުވެއެވެ.

އިންޑިއާގެ "މިލިއަން ޑެތް ސްޓަޑީ" އެކުލަވާލި ޔުނިވާސިޓީ އޮފް ޓޮރޯންޓޯގެ ޑރ ޕްރަބާތް ޖާ އާ ހަވާލާދީ ބިސްވާސް ބުނީ، މިކަމުގައި ރަނގަޅު އަދަދުތަކެއް ހޯދަން ބޭނުން ނަމަ "މިސް" ވެފައިވާ ކޭސްތައްވެސް ހިމަނަންޖެހޭ ކަމަށެވެ. ޑރ ޖާ ވިދާޅުވާ ގޮތުގައި، ގިނަ މަރުތަކަކީ ގޭގައި ހިނގާ ހާދިސާތަކަކަށްވާއިރު، އިންޑިއާއިން މިކަންކަން ކަށަވަރު ކުރުމަށް އާ ނިޒާމުތަކެއް ބޭނުންވާކަމަށެވެ.

އިންޑިއާގައި މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު 80 ޕަސެންޓް މީހުންނަކީ ގޭގައި މަރުވާ މީހުންނެވެ. މީގެ ތެރޭގައި މެލޭރިއާއާއި ނިއުމޯނިއާ ފަދަ އިންފެކްޝަންތަކުގައި މަރުވެދާ މީހުން ހިމެނެއެވެ. ވިހެއުމުގެ ތެރޭގައި މަރުވާ މީހުންނާ، ކުއްލިއަކަށް ހިތުގެ މައްސަލަތައް ދިމާވެގެން މަރުވާ މީހުންނާ، އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ކޭސްތައް އާންމުކޮށް ރެކޯޑްކުރަނީ ހޮސްޕިޓަލުތަކުންނެވެ. ޑރ ޖާ ވިދާޅުވާ ގޮތުގައި، ސިއްހީ ފަރުވާ ހޯދައިގެން އެނގުރި ގެއަށް ދާ ފަހުން މަރުވާ މީހުންވެސް އުޅެއެވެ.

ކަންމިހެން އޮތްއިރު، ހޮސްޕިޓަލުތަކުގައި މަރުވާ މީހުންގެ އަދަދަށް އެކަނި ބަލައިގެން ހަގީގީ މަންޒަރެއް ނުފެންނާނެއެވެ. ނަމަވެސް ޖަނާޒާތަކަށް ހާއްސަކޮށްފައިވާ ތަންތަނުން މައުލޫމާތު އެއްކުރުމަކީވެސް އިންޑިއާގައި މާ ފަސޭހަ ކަމެއް ނޫނެވެ. އިންޑިއާގައި މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު، ޖަނާޒާއަށް ހާއްސަ ތަނެއްގައި މިކަން ކުރަނީ މަދު ބައެކެވެ. އެހެން މީހުންނަކީ ރަށްފުށުގެ ހާމަ ބިންތަކުގައި އަނދާލެވޭ މީހުންނެވެ.

އިންޑިއާގައި އާންމު ސިއްހަތު ސާވޭލަންސް ނިޒާމެއް ހަރުދަނާ ކުރެވިފައި ނުވާ މި ދަނޑިވަޅުގައި، އިންފްލުއެންޒާ ފަދަ ބައްޔެއްގައި މަރުވާ މީހުންގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން އެއްކޮށްގެން ކޮވިޑް-19އާ ގުޅުވިދާނެ ކަމަށް ބުނެވެއެވެ. އިންޑިއާގައި މޯބައިލް ފޯނު ބޭނުން ކުރާ 850 މިލިއަން އެކައުންޓެއް ވަނީ ދަފުތަރުކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ކެފޭ/ރެސްޓޯރަންޓް ބަންދުކޮށްފަ/ފޮޓޯ: އިކޮނޮމިކް ޓައިމްސް

ނަމަވެސް އުފެދޭ ސުވާލަކީ، ކޮވިޑް-19ގެ މަރެއް ކަމަށް، މަރުގެ ކޭހެއް ކަނޑައަޅާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި، ކޮވިޑް-19ގެ އަލާމާތްތަކާއެކު މަރުވާ ބައެއް މީހުންނަކީ ޓެސްޓުވެސް ނުކުރެވޭ މީހުންނެވެ. ނުވަތަ "ފަރުވާ"ވެސް ނުދެވިވާ މީހުންނެވެ. އަނެއް މައްސަލައަކީ، ނުބައިކޮށް ބަލި ޑައިގްނޯޒް ކުރެވުމުގެ މައްސަލައެވެ. އެގޮތުން، މީހަކު މަރުވި ސަބަބު ކަނޑައެޅުމުގައި ޑޮކްޓަރުންގެ އިހުމާލު އޮންނަ ފަހަރު އަންނަކަން ބިސްވާސް ފާހަގަކުރެއެވެ.

މިފަދަ ހުރިހާ ކަމަކަށް ރިއާޔަތްކޮށް، އިންޑިއާއިން ކޮވިޑް-19ގައި މީހުން މަރުވާ ރޭޓް ކޮންޓްރޯލް ކޮށްފައިވަނީ ކިހިނެއްކަން ބުނަން އަދި މާ އަވަހެވެ.