ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އެ އިދާރާއަށް ދެވޭނީ ހަމައެކަނި އިރުޝާދު ކަމަށާ، އެ އިރުޝާދުތަކަށް ގައުމުތައް ކިޔަމަން ކުރުވުމުގެ ބާރެއް، އެ އިދާރާގެ މެންޑޭޓުގެ އިހުތިސޯސުން ލިއްބައި ނުދޭކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
ސުވިޓްޒަލަންޑްގެ ޖެނީވާގައި ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މި މޭރުމުން ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ދެވޭ އިރުޝާދު ބަލައިގަތުމާ ނުގަތުމަކީ އެ ގައުމަކަށް އޮތް ކަމެއް ކަމަށާ، ޑަބްލިއު.އެޗް.އޯއިން އިރުޝާދުތައް ދެމުންދަނީ ސައެންސްގެ އަލީގައި ލިބިފައިވާ އެންމެ ފުރިހަމަ ހެކިތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އިންތިހާއަށް ނުރައްކާ ދަރަޖައިގެ ބަލިމަޑުކަމެއް ފެށިފައިވާކަމުގެ އިންޒާރު ޑަބްލިއު.އެޗް.އޯއިން މުޅި ދުނިޔެއަށް އިއުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ކަމަށްވާއިރު، އޭރު ޗައިނާއިން ބޭރުގައި އޮތީ އެންމެ 82 ކޭސްކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ޑަބްލިއު.އެޗް.އޯއިން ދިން އިންޒާރަށް އެދުވަހު ގައުމުތަކުން ކިޔަމަންވުން ބުއްދިވެރިވީސް ކަމަށެވެ. ކޮންމެ ގައުމަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ފިޔަވަޅުތަކެއް އެހިނދުން އެހިނދަށް އެޅުމުގެ ފުރުސަތު އޭރު އޮތް ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.
އިންތިހާ ނުރައްކާ ދަރަޖައިގެ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯއިން ކޮވިޑް-19 ކަނޑައެޅިއިރު، ކޭސްތައް ހޯދާ، ޓެސްޓުކޮށް، އައިސޮލޭޓްކޮށް، ކޮންމެ ކޭހަކަށް ވަކިވަކީން ކޮންޓެކްޓް ޓްރޭސް ކުރަމުން ދިއުމަށް ގޮވާލިއެވެ. އެ އިރުޝާދުތަކަށް އޭރު ބޯލެނބި ގައުމުތައް، މިއަދު ކޮންމެ މީހަކު އަމިއްލައަށް ބަލާލި ކަމުގައި ވީ ނަމަވެސް ފެންނާނެ ކަމަށާ، އެހެނީ، އެހެން ގައުމުތަކާ އަޅާ ބަލާއިރު މިއަދު އެގައުމުތަކުގެ ހާލަތު އިންތިހާއަށް ރަނގަޅުވުން ކަމުގައިވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަސައްކަތްތައް ބައެއް ގައުމުތަކުން ކުރަމުންދާއިރު، މި ބަލިމަޑުކަން އަދި ނިމެން ގާތްވެސް ނުވާކަމުގެ އިންޒާރު، ޑަބްލިއު.އެޗް.އޯއިންވަނީ ދީފައެވެ.