މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިގަނެ، ބަލިމަޑުކަމަށް ނިމުމެއް އަންނަން އަދި ގާތްވެސް ނުވާކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލަންޑްގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، އެފްރިކާ، އިރުމަތީ ޔޫރަޕް، ލެޓިން އެމެރިކާ އަދި އޭޝިއާގެ ބައެއް ގައުމުތަކުގައި މި ބަލިމަޑުކަމުގެ ކޭސްތައް އިތުރުވަމުންދާ ދިއުމާ މެދު ސިއްހަތު ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ ހުރިހާ ސަރަހައްދަކަށް ބަލާއިރު ޕޮޒިޓިވް ކޭސްތަކާ، މަރުގެ ކޭސްތައް ރިޕޯޓް ކުރުމުގައި އުނިކަމެއް އުޅޭ ކަމަށާ، ބަޔާން ކުރެވިދިޔަ ސަރަހައްދުތަކަށް ބަލާއިރު އަދަދުތައް ދަށްކޮށް ފެންނަނީ ބައްޔަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އެވަރަށް ނެތިގެން ކަމަށެވެ.

ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް ޕާކިސްތާނުގެ މިސްކިތަކަށް އާންމުން ވަނުމަށް ގައިދުރުކަމުގެ އުސޫލުން ސަފު ހަދާފަ/ފޮޓޯ: އޭއެފްޕީ

ޑރ ޓެޑްރޯޒް ވިދާޅުވީ މިއަދު މުޅި ދުނިޔެ އެ ވައިރަހަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ވައިރަހަކީ، އެންމެން އެކަތިގަނޑަކަށް ވެގެން މެނުވީ ބަލިކޮށްލެވޭނެ ވައިރަހެއް ނޫންކަމަށެވެ. އެންމެން އެކަތިގަނޑަކަށް ނުވެއްޖެނަމަ ދެ މީހެއްގެ މެދުގައި އޮންނަ ހުސް ޖާގައިންވެސް ވައިރަސް ދެމިގަނެ، ހައިޖާނު އުފެއްދުމައިގެން ކުރިއަށްދާނެ ކަމަށާ، މިކަމުގެ ނަތީޖާއެއްގެ ގޮތުން ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމުގެ އިންޒާރުވެސް ޑރ ޓެޑްރޯޒް ވަނީ ދެއްވާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒްގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފަށާ، ރިޕޯޓްކޮށްފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުންނެވެ. އެއަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަކަށްވުރެ ގިނަ ގައުމާ ސަރަހައްދަކުން މި ބަލީގެ ކޭސްތައް ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 922389 މީހަކަށް ޝިފާ ލިބިފައިވާއިރު، 211607 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކޮވިޑް-19އަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް އަދި ހޯދިފައެއް ނުވެއެވެ. ބަލިޖެހޭ މީހުންނަށް ފަރުވާ ކުރަމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެން ކަމަށްވާއިރު، ބަލިން ދިފާއުވެވެން މިވަގުތު އޮތް ހަމައެކަނި ގޮތަކީ ގޭބަންދުވެފައި ތިބުމާ، އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރުން ފަދަ ފަރުދީ ފިޔަވަޅުތަކެއް އެޅުމެވެ.