ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީޑާ އެޑާން ވިދާޅުވެއްޖެއެވެ.

މިއާއެކު ނިއުޒީލަންޑްއިން ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ކޮންޓްރޯލް ކުރުމަށް އެގައުމުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަރުހަލާތައް ފަށާފައެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ލެވަލް-4 ގެ ދަރަޖައިގެ ހަރުކަށި ފިޔަވަޅުތަކެއް މީގެ 5 ވަރަކަށް ހަފުތާ ކުރިން ތަންފީޒު ކުރަން ފެށި ނިއުޒީލަންޑްގެ ނުރައްކާ އެލާޓް ލެވަލް 3 ވަނަ ދަރަޖައަށް ތިރިކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މިކަން އިއުލާން ކުރައްވަމުން އެޑާން ވިދާޅުވީ އާބާދީގެ މެދުގައި ފުޅާދާއިރާއެއްގައި ބަލިމަޑުކަން ފެތުރެމުންދާ ނުދާކަމަށާ، އާބާދީގެ ތެރޭގައި ފާހަގަކުރެވޭ ފަދަ ގޮތަކަށް ކޮމިއުނިޓީ ޓްރާންސްމިޝަންއެއްވެސް އެގައުމުގައި ހިނގަމުން ނުދާކަމަށެވެ.

މިއާއެކު މިއަދު ހެނދުނު ނިއުޒީލަންޑްގ 400000 އެއްހާ މީހުން ވަނީ ވަޒީފާތަކަށް ނިކުމެފައެވެ. ލެވަލް 3 އަކަށް ނުރައްލާ އެލާޓް ދައްކުރުމާއެކު، ބައެއް ވިޔަފާރިތައް އަލުން ހުޅުވުމާ، ޑެލިވަރީއާއި ޓޭކް އަވޭގެ ހިދުމަތް ދިނުމަށް ރެސްޓޯރަންޓްތައް ހުޅުވުމުގެ އިތުރުން، ބައެއް ދަރިވަރުންނަށް ކުލާސްތައް ފެށުމަށްވެސް ފުރުސަތު ހުޅުވިގެން ދެއެވެ.

ކަންމިހެން އޮތްނަމަވެސް ހުރިހާ ބާވަތެއްގެ ޓްރާންސްމިޝަންތައް މުޅިން ނިމުމަކަށް ގެނެވޭނެ އިރަކާ މެދު ޔަގީންކަމެއް ނެތް ކަމުގެ އިންޒާރުވެސް ނިއުޒީލަންޑްގެ ބޮޑުވަޒީރު ވަނީ ދެއްވާފައެވެ. އެހެންކަމުން ކުރިން އުޅުނު އާންމު ދިރިއުޅުމަށް އަދި ދެވެން ނެތްކަންވެސް ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނިއުޒީލަންޑްގައި އަދިވެސް އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރަންޖެހެއެވެ. ބޮޑުވަޒީރު ވަނީ، މިހާތަނަށް ހާސިލުވި ކާމިޔާބީއަކީ އެއްވެސް ހާލެއްގައި ގުރުބާން ކުރައްވާނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 5 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލަންޑްގައި އެލާޓް ލެވަލް ދަށްކުރުމުގެ ކުރިއަށް ފާއިތުވީ 24 ގަޑިއިރެއްހާއިރު ތެރޭގައި ރިޕޯޓްކޮށްފައިވަނީ ކޮވިޑް-19ގެ 1 ކޭހެވެ. މިއަދު ހެނދުނު 3 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 1122 އަށް އަރާފައެވެ. މި ބަލީގައި ނިއުޒީލަންޑްއިން 19 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.