ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އެމެރިކާއިން މިއަދު އެކަނިވެސް 151 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1010507 އަށް އަރާފައެވެ. އެމެރިކާއިން ބަލިޖެހުނު މީހުންގެ ތެރެއިން 138990 މީހަކަށް ޝިފާ ލިބިފައިވާކަމަށް ރެކޯޑްކޮށްފައިވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 814714 ކޭހެކެވެ. މީގެ ތެރެއިން 14186 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19އަށް އެންމެ ގިނަ ޓެސްޓު ހަދާފައިވަނީވެސް އެމެރިކާގައެވެ. އެގޮތުން އެމެރިކާގައި 5696928 ޓެސްޓެއް ހަދާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ޓެސްޓު ހަދާފައިވަނީ އައިސްލަންޑްގައި ކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން އައިސްލަންޑްގެ އާބާދީގެ ކޮންމެ 1 މިލިއަން މީހެއްގެ ނިސްބަތުން 135906 ޓެސްޓެއް ވަނީ ހަދާފައެވެ. އެމެރިކާގައި ކޮންމެ 1 މިލިއަން މީހެއްގެ ނިސްބަތުން ބަލާއިރު ހަދާފައިވަނީ 17211 ޓެސްޓްއެވެ.

އެމެރިކާގެ ވޮލަންޓިއަރަކު ޑްރައިވް-ތްރޫއެއް ހުރަސްކުރާ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތުގަ/ފޮޓޯ: މާރިއޯ ޓޭމާ

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މިއަދު 6 މީހަކު މަރުވިކަމަށް މިހާރުވެސް ވަނީ ރިޕޯޓްކޮށްފައެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ، 56803 އަށް އަރާފައެވެ.

ކަންމިހެން އޮތްއިރު އެމެރިކާއިން ދަނީ ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ތަންފީޒުކުރަމުންދާ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. އަދި ބައެއް ހިސާބުތަކުގައި ކޮވިޑް-19 ކާވް ފްލެޓްވާން ފަށާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ އަދުގެ ހާލަތަށް ބަލާއިރު 3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.