އަތޮޅުތެރެއިން ކޮވިޑް-19ގެ ބަލި މީހުން ދެނެގަތުމާއި ބަލިއުޅޭތީ ބެލުމުގެ ނިޒާމް ގާއިމްކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފިއެވެ.

މި އުސޫލުގެ ދަށުން ކޮވިޑް-19ގެ ސާވެއިލަންސް ހެދުމާއި ޓެސްޓް ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގައި އިތުރަށް ފުޅާ ކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތަފްސީލު ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން މި އުސޫލުގައި ޓްރެވެލް ހިސްޓްރީހުރި މީހަކާމެދު އަމަލު ކުރަންޖެހޭ ގޮތާއި، މީހުން ކަރަންޓީނުު ކުރުމާއި، ގޭގައި އެކަހެރި ކުރަންޖެހޭ ހާލަތްތައް ބަޔާންކޮށްފައެވެ.

އަދި ޕޮޒިޓިވް ކޭސްއެއް ފެނުމުން އަމަލުކުރަންޖެހޭ ގޮތާއިމ ކޭސްތައް ރިޕޯޓް ކުރުން އަދި ސްޓޮކް ބެލެހެއްޓުމުގެ އިތުރުން، ރަށްރަށުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގަން ޖެހޭ ގޮތް ވެސް މި އުސޫލުގައި ބަޔާންކޮށްފައެވެއެވެ. މި އުސޫލުގައި، އާންމުން ހޭލުންތެރިކުރުވުމާއި، ބިދޭސީން ދިރިުއޅޭ ރަށްތައް މޮނިޓާ ކުރުމާއި އެކްޓިވް ސަވައިލެންސް ހިންގުމާބެހޭ ތަފްސީލުވެސް ވެއެވެ.

މީގެ އިތުރުން ކަށަވަރު ކުރަންޖެހޭ އާންމު މިންގަނޑުގެ ގޮތުގައި، ގައިދުރުކަން ބެހެއްޓުމަށް ބާރުއެޅުމާއި، އަލާމާތްތައް ފެންނަ ފަރާތްތަކުން ސެލްފް އައިސޮލޭޓްވުމާއި، ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުމުގެ އިތުރުން ޑިސްއިންފެކްޓް ކުރުުމުގައި ކަނޑައެޅިފައިވާ ގޮތަށް އަމަލު ކުރުމުގައި އިރުޝާދު ދިނުމަށް ވެސް މި އުސޫލުގައިވެއެވެ.