އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މޯލްޑިވްސް ބްލަޑް ސާވިސް އަށް މިއަދު ލޭ ހަދިޔާ ކުރައްވައިފިއެވެ.

އާޒިމް ލޭ ހަދިޔާ ކުރައްވައިފައިވާ އިރު މި ދުވަސްވަރަކީ ކޮވިޑް19 ފެތުރެމުން ދާތީ ލޭ އަޅަން ބެނުންވާ ފަރާތްތަކަށް ލޭ ލިބުމުގެ ދަތިތަކެއް ކުމަތިިވެފައިވާ ދުވަސްވަރެކެވެ. އެގޮތުން މޯލްޑިވްސް ބްލަޑް ސާވިސް އިން ވަނީ މި ދުވަސްވަރު ލޭ ލިބުމަށް އިންތިހާއަށް ދަތިވެފައިވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ފުލުހުން ވެސް ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ހަދިޔާކޮށްފައެވެ.

އާންމުކޮށް ލޭ އަޅަން ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތެލެސީމިއާ މީހުންނާއި ކުދިންނަށެވެ. މީގެ ތެރެއިން ބައެއް ކުދިންނަކީ މަހެއްގެ މައްޗަށް ތިނެއް ނުވަތަ ހަތަރު ފަހަރު ލޭ އަޅަންޖެހޭ ކުދިންނެވެ. އެ ކުދިންނަށް ލޭ ބޭނުންވާ މި ދަނޑިވަޅުގައި ޅޭ ލިބުމުގެ ދަތިކަމެއް އުޅޭތީ މޯލްޑިވްސް ބްލަޑް ސާވިސުން ވަނީ ސިއްހީ ހާލު ރަނގަޅަށް ހުންނަ ފަރާތްތައް ލޭ ހަދިޔާކުރުމަށް އެދިފައެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ އާދިއްތަ އިން ބުރާސްފައްޗަށް، ހެނދުނު 8:00 އިން ހަވީރު 3:00 އަށް މޯލްޑިވްސް ބްލަޑް ސާވިސަށް ލޭ ހަދިޔާ ކުރެވޭނެއެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައި ވާތީ ތެލެސީމިއާ ސެންޓަރުން އިސް ނަގައިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުތަކެއް ވެސް ކުރިއަށް ގެންދަމުންނެވެ. އަދި ބަލްޑް ސާވިސް އިން ވެސް އަންނަނީ ތަފާތު އެކި ކޭމްޕްތައް ބާއްވަމުންނެވެ.