ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކުގައި 14 ދުވަސް ފުރިހަމަވެ، ކޮވިޑްގެ ނަތީޖާ ނެގެޓިވް ވާ ފަރާތްތަށް ރަށަށް ގެންގޮސް ދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު ދަރުބާރު ޣޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެސިލިޓީ މެނޭޖަރު ކާނަލް ހުސެން އަލީ ވިދާޅުވީ، މިހާރު ނިންމާފައި އޮތީ، ފެސިލިޓީތަކުގައި 14 ދުވަސް ހަމަކޮށް، ޓެސްޓްގެ ނަތީޖާ ނެގެތީވް ވާ ފަރާތްތައް، އެމީހެއްގެ ރަށަށް އެމީހަކު ގެންގޮސްދޭން ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، ދެކުނުގެ ރަށެއްގެ މީހަކު، އުތުރުގެ ރިސޯޓެއް ނުވަތަ ފެސިލިޓީއެއްގައި ކަރަންޓީނުގައި ހުރެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެމީހަކު އޭނާގެ ރަށާ ހަމައަށް ގެންގޮސް ދިނުމުގައި އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި އެކަން ކުރުމަށްޓަކައި އެއްގަމާއި ކަނޑާއި، ވައިގެ ވަސީލަތްތައްވެސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ރާއްޖެގައި ލޮކްޑައުންގެ ހާލަތުގައި އެތައް ބަޔަކު އެބަ ތިއްބެއެވެ. އަދި ރިސޯޓުތަކުގައި ރަށަށް ނުދެވިފައިވެސް އެތައް ބަޔަކު އެބަ ތިއްބެއެވެ. ކަރަންޓީނުގެ ހާލަތުގައި ތިބި ފަރާތްތަކާއި، ދަތުރުފަތުރު ކުރެވޭނެ އިންތިޒާމެއް ނެތިގެން ތިބި ފަރާތްތައްވެސް އެބަ ވެއެވެ. މި ފަރާތްތަކުގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެިން ކޮވިޑް ފެނި ފެތުރެން ފަށާފައި ވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ ވަނީ 214 އަށް އަރާފައެވެ.