މާލޭގައި ތިބި ބިދޭސީން ބޭތިއްބުމަށް ތިން ކަރަންޓީން ފެސިލިޓީއެއް ހަމަޖައްސަމުން ދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރައީސް އެކުލަވާލި ޓާސްކް ފޯސްއިން ނިންމާފައިވަނީ ރައީސްގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި މާލެއިން ބޭރުން އިތުރު ފެސިލިޓީތައް ގާއިމްކޮށް، މާލެ ސަރަހައްދުތަކުގަ މަސައްކަތް ކުރާ ބިދޭސީނަށް އާންމު ހާލަތެއް ހޯދައި، އަދި މާލެ ސަރަހައްދު މިކަމުން ސަލާމަތް ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅުން ކަމަށެވެ.

"މީގެތެރޭގައި އެބަ ތިބި އެމީހުން ނިދަނީ ކޮންތަނެއްގައި ކަންވެސް، އެމީހުން ގެންގުޅޭ ކުންފުނިތަކަށް ނޭނގި ތިބޭ ބިދޭސީން. އެހެންވީމަ މި ބިދޭސީންނަށް އާންމު ހާލަތެއް ހޯދައި، އަދި މާލެ ސަރަހައްދު މިކަމުން ސަލާމަތް ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާނަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީން ބޭތިއްބުމަށް ގުޅިފަޅުގަޔާއި، ވިލިވަރު އަދި ހުޅުމާލޭގައި އިތުރު ކަރަންޓީން ފެސިލިޓީތައް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ފެސިލިޓީތައް ޑޮކްޓަރުންގެ ލަފަޔާއި އެއްގޮތަށް ގައިދުރުމިން ބެހެއްޓުމަށް ފަހު، މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ފުލުހުންނާއި ސިފައިންނާއި ހުރިހާ ފަރާތްތަކާއި ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަން ކުރުމުގައިވެސް އެމީހުންގެ ހައްގުތައް ކަށަވަރުވާނެކަން ޔަގީން ކުރާނެ ކަމަށާއި، އަދި އެ ބިދޭސީން މާލޭގައި ދިރިއުޅޭ ހާލަތަށް ވުރެން ރަނގަޅު ހާލަތެއްގައި އެމީހުންނަށް ކަންތައް ކުރެވޭތޯ ބަލާނެ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 220 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން އެންމެ ގިނައިން ހިމެނެނީ ބިދޭސީންނެވެ. އެގޮތުން މިހާތަނަށް ކޮވިޑް19 އަށް 136 ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، 84 ދިވެހިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިހާރުވެސް މާލެ ސިޓީވަނީ ލޮކްޑައުން ކޮށްފައެވެ.