މެދުކަނޑާލުމަށް ފަހު އަލުން ފިޔާ ބިސް ހޯލް ސޭލްކޮށް އެސްޓީއޯ އިން ވިއްކަން ފަށައިފިއެވެ.

އެ ދެ ބާވަތް ގަނޑުކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ފެށިގެން މެންދުރު 15:30އާ ހަމައަށް އެސްޓީއޯގެ ހޮޓްލައިން ނަންބަރުތަކަށް އޯޑަރު ކުރުމަށް ގުޅުމަށް އެދޭ ކަމަށް އެކުންފުނިން ބުނެއެވެ. އޯޑަރު ކުރުމަށް ގުޅާނީ 7291123 ނުވަތަ 7291125 ނަންބަރަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 255 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް ވިއްކަނީ 260 ރުފިޔާއަށެވެ. މި ތަކެތި ގަންނަ ފަރާތްތަކުގެ ތެރެއިން ކަންމަތީ ފިހާރަތަކަށާއި ހޯލް ސޭލް ފިހާރަތަކުގެ އިތުރުން ރަށްރަށުގެ އޮޑިދޯނި ފަހަރުތަކާއި ހަމައަށް މިތަކެތި ޑެލިވަރީ ކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަމިއްލަ ފަރާތްތަކުން ވެސް ދަތުރު ކުރުމުގެ ހުއްދަ އޮންނަ ނަމަ އެތަކެތި ބަލާ އާދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ތަކެތީގެ އިތުރުން އެސްޓީއޯ އިން އަންނަނީ ތަރުކާރީއާއި މޭވާ ހޯލްސޭލް ކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. ފިޔާ ބިސް އަލުވި ގަތުމަށް އޯޑަރު ކުރާ އުސޫލުން މޭވާއާ ތަރުކާރު ގަތުމަށް އޯޑަރު ކުރާނީވެސް އެ ނަންބަރު ތަކަށެވެ.

އެސްޓީއޯ އިން އަންނަނީ މިހާރުވެސް އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެސްޓީއޯ ސުޕަމާޓު މެދުވެރިކޮށް ވެސް ގިނަ އަދަކަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.