ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ހދ.ކުރިނބީން ހދ.ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ކުރިނބިން އެ އަތޮޅު ކުޅުދުއްފުއްޓަށް އެރި ދެމީހަކު ރޭ 11:30 ހާއިރު އެރަށު އެއާޕޯޓު ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކެނޯގައި ކުޅުދުއްފުއްޓަށް އަރާފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، މީގެ ކުރިންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ދަތުރު ކުރުން މަނާ ކޮށްފައި ވަނިކޮށް ހދ. ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށީ ސިޓީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ، ކުޅުދުފުއްޓަށް އަރާފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. އަދި ފުލުހުން ވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.