ހުޅުމާލޭގައި ޗައިނާގެ ބެއިޖީން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިން 327 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ހެދުމުގައި އެހީތެރިވަމުންދާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު މިއަދު ވިދާޅުވީ ވަގުތީ ކަރަންޓީނު ފެސިލީޓީތައް ހަދަން ހުޅުމާލޭގެ ދެ އިމާރާތެއް މަރާމާތު ކުރުމުގެ މަސައްކަތުގައި ވެސް ޗައިނާގެ ބީޔޫޖީޖީ ކުންފުނިން ހަރަކާތްތެރި ވަމުދާ ކަމަށެވެ.

އެ ކުންފުނީގެ 40 މުވައްޒަފުންގެ ޓީމަކުން މަސައްކަތް ކުރަމުން ދަނީ އެތަން 327 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ހެދުމަށް ކަމަށްވެސް އެ ސަފީރުގެ ޓްވީޓުގައި ވެއެވެ.

މީގެ ކުރިން ޗައިނާގެ ސަފީރު ވަނީ ދިވެހި ސަރުކާރުން، ޗައިނާގެ ސަރުކާރުގައި އެހީއަށް އެދިފައިވާ ކަމަށާއި އެހެންވެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުން 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލީޓީއެއް އަޅައިދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ކަރަންޓީނު ފެސިލީޓީގެ މަސައްކަތަށް ސަމާނާއި ވަސީލަތްތަކާއެކު ރާއްޖެއަށް 100 މީހުން ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާގެ އެހީގައި ކަރަންޓީނު ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު މިހާރު ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ރިސޯޓްތައް ދަނީ ބޭނުން ކުރަމުންނެވެ. އެ ތަންތަނުގައި ޖާގަހުރީ 1،100 އެނދެވެ. ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އަންނަން ބޭނުންވެފައި ތިބިއިރު ރާއްޖެ ނުގެނެވި ވަނީ ކަރަންޓީނު ފެސިލިޓީތަކުގެ ޖާގަ ދަތިކަމުން ކަމަށް ސަރުކާރުން ބުނެއެވެ.