ރައްޔިތުންގެ މަޖިލީހުން އިއްޔެ 4.2 ބިލިއަން ރުފިޔާ ދޫކުރުމަށް ފާސްކުރުމާ ގުޅިގެން، އެކަމަށް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ފާޑު ވިދާޅުވުމުން އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ރައްދު ދެއްވައިފިއެވެ.

ޒަރިޔަންދު އިއްޔެ ކުރި ޓްވީޓެއްގައި ވަނީ މަޖިލީހުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް 4.2 ބިލިއަން ދޫރަން ފާސްކުރި ނިންމުމަކީ "ސަޕްރައިޒިން" ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ނެރެފައިވާ ރިޕޯޓެއް ޓްވީޓާގައި ހިއްސާ ކުރައްވާފައެވެ. އަދި އެ ރިޕޯޓުގެ ވަކިވަކި ޖުމްލަތައް ފާހަގަ ކުރައްވާފައެވެ. ހާއްސަކޮށް އެ ރިޕޯޓުގެ ފަހު ޖުމްލަ ހުރިހާ އެންމެނަށްވެސް ފަހުމްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެ ޖުމްލައިގައި ވަނީ މަރުކަޒީ ބޭންކް އިން ފައިސާ ނުނެގުމަށް އިރުޝާދު ދީފައެވެ.

އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ޓްވީޓެއްގައި، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިފެހެއްޓިފައި ވާއިރު ރައްޔިތުންނަށް ދޭންޖެހޭ މުސާރައާއި އާސަންދައާ އަދި އެހެނިހެން ސަބްސިޑީ ހޯދާނެ މޮޅު ގޮތެއް ބުނެދެއްވުމަށް ވަނީ ޒަރިޔަންދުގެ ކިބައިން އެދިވަޑައިގެން ފައެވެ. އަދި މީހުންގެ ސަމާލުކަން ހޯދާ ފިތުނަވެރިކަން ނުފެތުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ކޮވިޑް19 ގެ ސަބަބުން ގައުމުގެ އިގްތިސޯދަށާއި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިދުމަތްތައް ހުއްޓުނަ ނުދިނުމަށް 4.2 ބިލިއަން އޯވާޑްރޯ ކުރެވޭގޮތް ހެދުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ފާސްކުރީ އިއްޔެއެވެ.

ކޮވިޑް 19 އާ ގުޅިގެން އަންނަ އިގްތިސޯދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ މެނޭޖް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވޭ ލިމިޓް މަތިކުރުމަށް އެދިފައެވެ. އެކަމުގެ ސަބަބުން ދައުލަތުން ކުރު މުއްދަތުގައި ކުރަންޖެހޭ ހަރަދުތައް ކޮށް ހިދުމަތް ދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށް ބުނެއެވެ. އެގޮތުން 4.2 ބިލިއަން ރުފިޔާ 1 އަހަރުގެ ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް، އޯވާޑްރޯ ކުރެވޭ ގޮތަށް ހަަމަޖެހިގެން ދިއުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޮވާޑްރޯ އިތުރު ކުރުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައި ވުމާ، ރާއްޖޭގެ އިގްތިސޯދުގެ އެގްރިގޭޓް ޑިމާންޑް ދަށްވެފައި ވުމާ، ދުނިޔޭގެ އިގްތިސޯދީ ހަރަކާތްތައްވެސް މަޑުޖެހިފައި ވުމާ ބޭރުގެ ދަތުރު ފަތުރު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ދަށްވެފައި ވުމާ ގުޅިގެން ބޭރު ފައިސާގެ ޑިމާންޑަށް މި ވަގުތު އިތުރުވުމެއް އަންނާނެ ކަމަށް ނުބެލެވޭތީ ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން، އިގްތިސޯދީ ހަރަކާތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އެނބުރޭ މިންވަރު އިތުރު ކުރުމަށްވެސް ފިޔަވަޅުއަޅަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މެދު ރާސްތާގައި، މި ކާރިސާއިން އަރައިގަތުމަށް ފަހު، ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފައިނޭންސިން އިންފްލޯތައް އަންނަ މިންވަރަކުން ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ކުރަންޖެހޭ މިންވަރު ކުޑަކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން އޯވާޑްރޯ ލިމިޓް ވާނީ މި މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ވެދެވޭ އެހީއަކަށް ކަމަށާއި ދައުލަތަށް އާމްދަނީ އަދި ފައިނޭންސިން ލިބޭ މިންވަރަކުން އޯވަޑްރޯ ކުރަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީގައި ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ރ) ގައި އެމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން މަޖިލީހުގެ ހުއްދައާއެކު މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާ ކުރިވިދާނެކަމަށް ވިދާޅުވެފައެވެ.

އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި 32 ވަނަ މާއްދާގައި (ހ) (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމުގެ ހުއްދައަށް އަމީރު ފޮނުއްވި ސިޓިގައި އެދިވަޑައިގެންފައި ވެއެވެ.