މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައި އޮތުމާ ގުޅިގެން، ބޭނުންވާ ކާބޯތަކެތި ދަނީ ޑެލިވަރީ ކޮށްދެމުންނެވެ. އެގޮތުން މި ޑެލިވަރީތައް ކޮށްދިނުމުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ގިނަ އަދަދެއްގެ ކުޑަކުދިން ބަލަހައްޓާ ތަނެކެވެ.

ފުލުހުން އިއްޔެ ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދީފައެވެ. ފުލުހުން ބުނީ އާކް މޯލްޑިވްސް އިން ފިޔަވައްޗަށް ގެންދަން ނިންމާފައިވާ ކާބޯތަކެތި ފޯރުކޮށް ދިނުމުގައި އެހީތެރިވެ ދީފައިވާ ކަމަށާއި އެކަމާއި ފުލުހުން އުފާ ކުރާ ކަމަށެވެ. ފިޔަވައްޗަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ހިންގަމުން އަންނަ އާކްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

މާލެއިން ކޮވިޑް19 ފެނުނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން އިއްޔެއާ ހަމައަށަ 214 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ގިނައިން ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ އިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އަދި މާބަނޑު މީހަކާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.