ކޮވިޑް-19 ފެތުރެން ފެށިފަހުން ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ފެނުނު ކްލަސްޓާތައް އިތުރުވެ، އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ ދެ ހަފްތާ ތެރޭ ފެނިފައިވާ ކްލަސްޓާތަކުން ފެންނަނީ އެކަކު އަނެކަކާ ދިމާވެފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކަމަށް ކަމަށެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކްލަސްޓާކަމަށެވެ.

ޑރ. އަފްޒަލް ރޭ އާއްމުކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުން ކްލަސްޓާތަކުގައި ހިމެނޭ މީހުންނަކީ ކޮން ތަނަކަށް ނިސްބަތްވާ މީހުން ކަން ނޭނގޭ ގޮތަށް ކްލަސްޓާސްތަކަށް ވަނީ ވަކި ނަންތަކެއް ދީފައެވެ.

މި ކްލަސްޓާތަކުން ދޭހަވާ މާނަތަކެއް ހުރޭ، މިސާލަކަށް އެ ލޮކޭޝަނެއްގެ ސަބަބުން ކްލަސްޓާސްތައް އިތުރުވުމާއި ނުވަތަ އެ ކްލަސްޓާތަކުން ފެންނަ މީހުންގެ ބާވަތާއި ކޮން ކަހަލަ މަސައްކަތެއް ކުރާ ބައެއް ކަމާއި އެކަކު އަނެކަކާ ދިމާވެފައި ވަނީ ކިހިނެއް ކަމާއި މި ކަހަލަ ބައިވަރު މައުލޫމާތުތަކެއް މީގެއިން ލިބޭނެ
ޑރ. އިބްރާހިމް އަފްޒަލް

މިހާރު ފެނިފައިވާ ކްލަސްޓާސްތަކުގެ ތެރެއިން އެންމެ ބޮޑީ އެމްއެޗްގެ ކްލަސްޓާއެވެ. ދެ ވަނަ އަށް އެންމެ ބޮޑީ އޭއެމްއެޗް ކްލަސްޓާއެވެ. އެ ކްލަސްޓާ އިން 21 މީހުން ވަނީ ފެނިފައެވެ. މީގެ އިތުރުން ބީއެންސީ ކްލަސްޓާ އިން އެކަކާއި އާރުއެންސީ ކްލަސްޓާ އިން ދެ މީހުންނާއި ބީއެންޒެޑް ކްލަސްޓާ އިން ދެ މީހުން ވަނީ ފެނިފައެވެ. އެއްވެސް ކްލަސްޓާއަކަށް ނުހިމެނޭ ގޮތަށް 11 މީހަކު ފެނިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

މިމިދިޔަ ހަފްތާގައި އެޗްޕީއޭން އާއްމުކޮށްފައިވާ ގޮތުގައި، އޭރު ފެނުނު ހަަތަރު ކްލަސްޓާގެ ތެރެއިން އެންމެ ގިނަ ކޮންޓެކްޓްސް ހުރީ ރާއްޖޭގެ 21 ވަނަ ކޭސް (ފުރަތަމަ މާލެއިން ފެނުނު ކޭސް) ހިމެނޭ ކްލަސްޓާ ގައެވެ. އެ ކްލަސްޓާގައި އޭރު 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މާލޭގައި އޭރު އެޅި ފިޔަވަޅުތަކުފެ ސަބަބުންވެސް އޭގެ ފައިދާ އެއް ނުކޮށް، އެކެއްގެ ކޮންޓެކްޓްސް 200 އަށް އެރުމަކީ އޭރު ޑޮކްޓަރުން ވެސް ވާހަކަދެއްކެވި ކަމެކެވެ.

ތރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާތަނަށް 214 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 73 މީހުންނާ އެކު މި ބައްޔަށް ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ އިއްޔެއެވެ. މިހާތަނަށް މިބަލިން ރާއްޖެއިން ތަނގަޅުވެފައި ވަނީ 17 މީހުންނެވެ.