ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ ހިމޭންވެފައިވާ މި ދަނޑިވަޅުގައި، ދުނިޔެ ކައިރިން ދަތުރުކުރާ ގިނިހިލައެއްވެސް އޮތީ މާސްކްއެއް އަޅައިގެން ކަމަށް ސިފަވާ ކަމަށް ބުނެ، ސައެންސްވެރިން ސަމާސާކޮށްފިއެވެ.

1998 އޯއާރް2 ގެ ނަން ދީފައިވާ މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް ނެތް ކަމަށް ޕުއެޓޮ ރީކޯގެ އާސީބޯ އޮބްޒަވޭޓަރީ އިން ވަނީ ބުނެފައެވެ.

އޮބްޒަވޭޓަރީގެ ޕްލެނެޓަރީ ރޭޑާގެ އިސްވެރިޔާ އޭން ވިކީ ބުނާ ގޮތުގައި، މި އާދަޔާ ހިލާފު ބައްޓަން ސިފަވަނީ ގިނިހިނަލާގައިވާ އުސްގަނޑުތަކާ އަޑިގަނޑުތަކުގެ ސަބަބުންނެވެ. ނަމަވެސް މި ދަނޑިވަޅަކީ ކޮވިޑް-19ގެ ވާހަކަތަކާ މެދު ތާ އަބަދު ވިސްނޭ ދަނޑިވަޅެއްކަމުން، މާސްކެއް ސިފަވަނީކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ދުނިޔޭގެ އޯބިޓްއާއި ގާތްގަނޑަކަށް 5 މިލިއަން މޭލުން ދަތުރުކުރާނެ ކަމަށް ބެލެވޭ މި ގިނިހިލައަކީ ވަށަމިނުގައި ގާތްގަނޑަކަށް 500 ފޫޓު ހުންނަ ވަރުގެ ބޮޑު ގިނިހިލައެކެވެ. ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ދުނިޔެއާއި އެންމެ ގާތުން މި ގިނިހިލަ ދަތުރުކުރާއިރުވެސް، ދުނިޔެއާއި ހަނދާ ދެމެދު ހުންނަ ދުރުމިނުގެ 16 ގުނަ ދުރުމިނެއް ހުންނާނެއެވެ.

މިފަހަރު މި ގިނިހިލައިން މާ ބޮޑު ނުރައްކަލެއް ނެތަސް، ދެވަނަ ފަހަރަށް މި ގިނިހިލަ ދުނިޔެއާއި ކައިރިން ދަތުރުކުރާ އިރު ނުރައްކާ ބޮޑުވުމުގެ ފުރުސަތު އޮތުމުން، މިހާރުވެސް މިފަދަ ގިނިހިލަތަކުގ ދިރާސާކުރުން ބުއްދުވެރިކަމަށް ސައެންސްވެރިން ބުނެއެވެ.

ފޭސްމާސްކްއެއް އަޅައިގެންދާ ކަމަށް ސިފަވާ މި ގިނިހިލަ ދުނިޔެއާއި އެންމެ ގާތުން ދަތުރުކުރާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.