800 މީހުންގެ ވަގުތީ ކަރަންޓީން ފެސިލިޓީއެއް ހަދަން ޗައިނާގެ ސްޓޭޓް ކޮންސްޓްރަކުޝަންގެ 100 މީހުން ފޮނުވަން ހަމަޖެހިއްޖެއެވެ.

ޗައިނާ ސަފީރު ޒިއާން ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖޭގައި ހަދާ ވަގުތީ ކަރަންޓީން ފެސިލިޓީއެއް ހެދުމަށް ޗައިނާގެ ކުންފުނި، ސްޓޭޓް ކޮންސްޓްރަކުޝަންގެ 100 މީހުންނާއި ބޭނުންވާ ސާމާނާއި ވަސީލަތާއެކު ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެ ކަރަންޓީން ފެސިލިޓީ އަކީ ގާތްގަނޑަކަށް 800 މީހުންގެ ޖާގައިގެ ތަނެއް ކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވެއެވެ.

ޗައިނާ ސަފީރުގެ ޓްވީޓާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ކަރަންޓީނު ފެސިލިޓީތައް ހަދަން ޗައިނާއިން ރާއްޖެއަށް މީހުން އަންނަނީ ނޫން ކަމަށާއި، އެއީ މިހާރުވެސް ރާއްޖޭގައި ތިބި ޗައިނާ މީހުން ބޭނުން ކޮށްގެން ކުރާ ކަމެއް ކަމަށެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮތް އެއް ގައުމަށް ވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ ކޮވިޑްގެ މިހާލަތުގައި ރާއްޖެއަށް އެހީވުމަށް ޗައިނާއާއެކު އެއްބަސްވުމެއް ނުހަދާ އެހީއަކަށް ނޭދެނީ ކީއްވެތޯ އަހާ ސުވާލު ކުރަމުންނެވެ.

ޗައިނާއަކީ ކޮރޯނާވައިރަހާ ހަނގުރާމަ ކުރުމުގައި ކާމިޔާބު ތާރީހެއް ހޯދި ފުރަތަމަ ގައުމެކެވެ. އެތައްހާސް ބަޔަކަށް ފަރުވާދެވޭނެ ގޮތަށް 2 ހަފްތާ ތެރޭގައި ހޮސްޕިޓަލެއް އެޅި ފުރަތަމަ ގައުމަކީވެސް ޗައިނާއެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތިގައި ރާއްޖޭގައި މިހާރު ބޭނުން ކުރަމުން ދަނީ ގިނަ ރިސޯޓު ތަކެވެ.