ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި 185 ފަރާތެއް މާލެއަށް އައިސްފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ، ވޭތުވެދިޔަ 4 ދުވަހެއްގެ ތެރޭގައި 185 ފަރާތަކަށް މާލެއަށް އައުމުގެ ހުއްދަ ދެވިފައިވާ އިރު، އެ އަންނަ މީހުންނަކީ ކަރަންޓީން ކޮށްފައިވާ ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ރަށެއްތޯ ބަލަމުންދާ ކަމަށެވެ. ކޭސް ބައި ކޭސް ވަކިވަކިން ބަލަމުންދާ ކަމަށާއި އަދި މާލެއަށް އައި މީހުންނަކީ މޮނިޓަރިން އަދި ކަަރަންޓީނުގެ ހާލަތުގައި ނެތް ރަށްރަށުން އައި މީހުން ކަމަށް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއަށް އަންނަ ފަރާތްތައް މާލެއަށް އައުމަށް ފަހު މާލޭގައި ހުރުމަށް ހަމަޖެހިފައިވާ އެޑްރެސްވެސް އޮލުން ފިލުވާ ކަމަށް ނަވީން ވިދާޅުވިއެވެ. އެގޮތުން މާލޭގައި ހުންނަން ހަމަޖެހިފައިވާ ގެއަކީވެސް ކަރަންޓީން ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ގެއެއްތޯ ބަލަމުންދާ ކަން ނަވީން ފާހަގަކުރެއްވިއެވެ. އަދި މާލެއަށް އައި މީހުންނަކީ މާލެ މީހުން ކަން ވެސް ނަވީން ވިދާޅުވިއެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސްއެއް ފެނި މި ބަލި މާލޭގައި ފެތުރޭ ކަން އެނގުމުންނެވެ. އެ ދުވަހަށް ފަހު މާލެއަށް އެއްވެސް ރަށަކުން މީހުންނަށް އައުން ވަނީ މަނާކޮށްފައެވެ. ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް ރަށްރަށަށް ކާބީތަކެތި ގެންދިއުމަށް މާލެ ސަރަހައްދަށް ބޯޓުފަހަރު އަންނަ އިރު ހަމައެކަނި ފަޅުވެރިން އައުމަށް ވަނީ އަންގާފައެވެ. އަދި އެގޮތަށް މާލެއަށް އަންނަ މުދާ އުފުލާ ބޯޓު ފަހަރުގައި ތިބޭ އެއްވެސް މިހަކަށް މާލެއަށް ނޭރޭނެ ކަަމށް ފުލުހުން ބުނެއެވެ.

މިހާތަނަށް މާލެއިން މި ބަލި ފެންނަން ފެށިފަހުން ދުވަހެއް ދުވަހެއް މި ބަލި ޖެހޭ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން މިއަދަކީ މި ބައްޔަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ފެނުނު ދުވަހެކެވެ. މިއަދު 73 ކޭސްއެއް ފެނިފައިވާ އިރު މިހާރު މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 214 އަށް އަރާފައެވެ.