ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ތަންތަނުގެ ތެރޭގައި 4 އުޅަނދެއް ހިމެނޭ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އަމާޒު ބޯޓާއި ދުރުރާސްތާ-8، ކާވިޔާ ބޯޓާއި، ނޫފަރު އެކްސްޕްރެސް މިހާރު މޮނިޓަރިން ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ. މި އުޅަނދުތަކުގެ ތެރޭގައި ދުރުރާސްތާ-8 އަކީ މަސް ދޯންޏެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް 253 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މޮނިޓަރިންގެ ހާލަތަށް ގެންދެވުނު އުޅަނދުރަކުގެ ތެރެއިން އަމާޒު ބޯތަކީ އުތުރުގެ ރަށްތަކަށް ދަތުރު ކުރާ ބޮޓެކެވެ. އެގޮތުން އެ ބޯޓު ވަނީ މާލެ ލޮކްޑައުންގެ ހާލަތަށް ގެނައުމުގެ ކުރިން މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި 98 ދަތުރުވެރިންނާއެކީ ފުރާފައެވެ. އެ ދޯނީގެ ކައްޕިއަކަށް ހުރި ފަރާތަކީ މިހާރު މި ބައްޔަށް ޕޮަޒިޓިވްވެފައިވާ މީހަކަށް ވާތީ އެ ބޮޓު ދަތުރު ކުރި ރަށްރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ދަތުރުގައި އެ ބޮޓުން ދަތުރުކުރި މީހުން އެޗްޕީއޭއަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.

މިއަދަކީ ކޮވިޑަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާ ދުވަހެވެ. މިއަދު އެކަނިވެސް މިވަނީ 73 ކޭސް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 214 އަށް އަރާފައެވެ.