މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ދ. ކުޑަހުވަދުއާއި މޯލްޑިވިއާނާ ސަފާރީ އާންމު ހާލަތަށް ގެންގޮސްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދ. ކުޑަހުވަދޫއާއި މޯލްޑިވިއާނާ ސަފާރީ މިހާރު މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކުޑަހުވަދޫ ކަރަންޓީންގެ ހާލަަތަށް ގެންގޮސްފައިވާ ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެ ހާލަަތށް އެރަށް ސީދާ ގެންގޮސްފައިވަނީ ކީއްވެގެން ކަން އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް އޭރު ގެންދިޔައީ އެ ރަށުން ބަލީގެ އަލާމަތް ހުރި މީހަކު ފެނިފައިވާތީއެވެ.

މޯލްޑިވިއާނާ ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ އެ ސަފާރީގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑްގެ އަލާމަތް ފެނުމުންނެވެ. އަދި އެމީހާގެ ގައިން ވަނީ ސާމްޕަލް ނަގާ މި ބައްޔަށް ޓެސްޓުކޮށްފައެވެ.

މިހާރު ކޮވިޑް ރޯގާ ރާއްޖޭގައި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިއަދު އެކަނިވެސް ވަނީ 73 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މި ބައްޔަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.