ކޮވިޑް-19 އަށް ރާއްޖޭގައި ޖުމްލަ 560 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ޖުމްލަ 560 މިލިއަން ރުފިޔާ ހަަރދުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 84 މިލިއަން ރުފިޔާއަކީ ޑިޒާސްޓާ ޓްރަސްޓް ފަންޑުން 10 މަސްދުވަހުގެ ކާޑުގެ ބާވަތް ޔަގީން ކުރުމަށް ސަރުކާރުން ނަގާފައިވާ ފައިސާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މި 560 މިލިއަން ރުފިޔާގެ ތެރޭގައި، ޓުއަރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުގެ 11 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި، އެންޑީއެމްއޭ އަދި ހެލްތް މިނިސްޓްރީން ހޭދަކޮށްފައުވާ 386 މިލިއަން ރުފިޔާވެސް ހިމެނޭ ކަމަށެވެ. އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަށް 36 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ކުރި ހަރަދުތަކުގެ ތަފްސީލު ދެއްވަމުން މަބްރޫކް ވިދާޅުވީ، ފަރުކޮޅުފުށި އައިސޮލަޝަން ފެސިލިޓީ މަރާމާރު ކުރުމަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، އެފަހުން ވެސް އެތަން މަރާމާތު ކުރުމަށް 1.4 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އައިސީޔޫ ބެޑްތަކާއެކު ގާއިމްކުރި އައިސޮލޭޝަން ފެސިލިޓީތަކަށް 27 މިލިއަން ހަރަދުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ހަރަދުކުރި 560 މިލިއަން ރުފިޔާގެ ތެރޭގައި، ފޮރިން މިނިސްޓްރީން ހަރަދުކުރި 6.6 މިލިއަން ރުފިޔާވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފޮރިން މިނިސްޓްރީން މި ފައިސާ ހަރަދުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީވުމަށާއި، އޭގެ ތެރެއިން ބައެއް ފަރާތްތައް އަނބުރާ ރާއްޖެ ގެނައުން ފަދަ ކަންކަމަށް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތު ކުރިއަށް އޮތް 3 މަސް ދުވަހަށް ދެމިގެން ހިނގައްޖެނަމަ، ދައުލަތުން 1.4 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހިދާނެ ކަމަށެވެ.