އިތުރު 23 ކޭސް ޕޮޒިޓިވް ވެއްޖެ، މިއަދުގެ ޖުމްލަ 73 އަށް އަރައިފިއެވެ. ދާދި ދެންމެ އެންއީއޯސީން ބުނީ މިއަދު ޕޮޒިޓިވް ވި 50 މީހުންގެ އިތުރަށް 23 މީހުން ޕޮޒިޓިވް ކަން އެނގިފައިވާ ކަމަށެވެ.

މިއަދު މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ 73 އަށް އަރާފައި ވާއިރު ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން ބަނގްލަދޭޝްގެ 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. ދެން ހިމެނެނީ ދިވެހިންނާއި އިންޑިއާ އައި ޕާކިސްތާނު މީހުންނެވެ.

މިއަދު ޕޮޒިޓިވް ވި މީހުން؛

  • ބަންގްލަދޭޝް 61
  • ދިވެހިން 9
  • އިންޑިއާ 2
  • ޕަކިސްތާން 1

މި އަދަދު ތަކާއެކު މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 195 އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 214 އަށް އެރީއެވެ. މިހާތަނަށް ރާއްޖެގައި ޕޮޒިޓިވް ވެފައި ވާ މީހުންނަށް ބަލާއިރު، އިޓަލީއާއި، ޖަރުމަނާއި، ސައުތުއެފްރިކާގެ މީހުން ހިމެނެއެވެ.

ރާއްޖެއިން ކޮމިއުނިޓީ ސްޕްރެޑެއް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ މި ހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހަކާ ޖެހެންދެން ސަރުކާރުން ބުނަނުން ދިޔައީ ކޮމިއުނިޓީ ސްޕްރެޑެއްގެ ނުރައްކާ ނެތް ކަމަށާއި، އެއާޕޯޓާއި އެކިއެކި ތަންތާނގައި މަސައްކަތް ކުރާ މީހުން މާލެއަށް އަރާ ފޭބުން އޮތީ ދޫކޮށްލާފައެވެ.

ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ސަރަހައްދެކެވެ. އިޖުތިމާއީ އެކި މަަސައްކަތްތައް ކުރަނީ އެމީހުންނެވެ. ކަންމަތީ ފިހާރަތަކުގައިވެސް އުޅެނީ އެމީހުންނެވެ. މުދާ އުފުލުމާއި އެނޫންވެސް މަސައްކަތްތައްކުގައި އެމީހުން އުޅޭއިރު އާންމުންގެ ގޭގެއަށް ވެއްދޭ ތަކެތި ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.

ރާއްޖެގައި ކޮވިޑް ޖެހި މިހާތަނަށް މީހަކު މަރުވެފައި ނުވި ނަމަވެސް ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ޒުވާނުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.