ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކޭސްތަކުގެ ތެރެއިން މިހާތަނަށް 2003 ކޮންޓެކްޓް ޓްރޭސް ހޯދިފައިވާ ކަމަށާއި އަދި 253 ތަނެއް މޮނިޓަރިން ހާލަތަށް ގެންގޮސްފައި ވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ޕޮޒިޓިވްވެފަިއވާ ކޭސްތަކާ ގުޅުން ހުރި ކޮންޓެޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށާއި، އެގޮތުން މިރޭ 8:00 އާ ހަމައަށް 2003 ކޮންޓެކްޓް ޓްރޭސިންގެއް ހޯދިފައިވާ ކަަމަށެވެ.

މީގެ އިތުރުން މިހާތަނަށް 253 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރެގައި 4 އުޅަނދެއް ހިމެނޭ ކަމަށާއި 18 ރަށަކާއި ރިސޯޓެއްގެ ނަން މަބްރޫކް މިރޭ ފާހަގަކުރެއްވިއެވެ. މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ 4 އުޅަނދަކީ އަމާޒު ބޯޓާއި، ދުއްރާސްތާ -8 ކިޔާ މަސް ދޯންޏަކާއި، ކާވިޔާ ބޯޓާއި ނޫފަރު އެކްސްޕްރެސް އުޅަނދެވެ.

މޮނިތަރިންގެ ހާލަތަށް ގެނގޮސްފައިވާ ރަށްރަށުގެ ތެރެއިން މިރޭ މަބްރޫކް ފާހަގކުރި ރަށްރަށުގެ ތެރޭގައި ހިމެނެނީ، ހއ އަތޮޅުން ދިއްދޫއާއި، އުތީމާއި އުލިގަމެވެ. ހދ. ކުޅުދުއްފުއްޓާއި، ބ. ފުޅަދޫއާއި، ށ. އަތޮޅުން މާއުނގޫދޫއާއި ފީވަކާއި، މިލަންދޫއާއި، ފުނަދޫ ހިމެނެއެވެ. ނ. އަތޮޅުން ވެލިދޫއާއި، ހެނބައިދޫއާއި، ކެނދިކުޅުދޫއާއި، މިލަންދޫގެ އިތުރުން މާފަރާއި ހޮޅުދޫ ހިމެނެއެވެ. ކަ އަތޮޅުން ކުޑަވިލިނގިލި އާއި ތުލުސްދޫއާއި ގުރައިދޫގެ އިތުރުން ތުޅާގިރި އައިލެންޑް ރިސޯޓް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މޮނިތަރިންގެ ހާލަތުގައި ކުރި އޮތް ކ. ކުޑަހުވަދޫއާއި މޯލްޑިވިއާނާ ސަފާރީ ވަނީ މިހާރު މޮނިޓަރިން ހާލަތުން ނަގާފައި ކަމަށް މިރޭ މަބްރޫކް ވިދާޅުވިއެވެ.

މިއަދަކީ ކޮވިޑަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާ ދުވަހެވެ. މިއަދު އެކަނިވެސް މިވަނީ 73 ކޭސް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 214 އަށް އަރާފައެވެ.