ދެ ދިވެހިންނާއި ޕާކިސްތާނު މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދު އިތުރު ތިން މީހަކު މި ބައްޔަށް މިއަދު އަނެއްކާވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއި އެކު މިއަދު އެކަނި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 50އަށް އަރާފައެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މިއަދު މީގެކުރިން ވަނީ 11 މީހަކާއި 36 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި ތިން މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 191 އަށް ވަނީ އަރާފައެވެ.

ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު މާލެ ސަރަހައްދަކީ ގިނަ އްދަދެއްގެ ބިދޭސީން ދިރިއުޅޭ ސަރަހައްދެކެވެ. އިޖުތިމާއީ އެކި މަަސައްކަތްތައް ކުރަނީ އެމީހުންނެވެ. ކަންމަތީ ފިހާރަތަކުގައިވެސް އުޅެނީ އެމީހުންނެވެ. މުދާ އުފުލުމާއި އެނޫންވެސް މަސައްކަތްތައްކުގައި އެމީހުން އުޅޭއިރު އާންމުންގެ ގޭގެއަށް ވެއްދޭ ތަކެތި ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.

ރާއްޖެގައި ކޮވިޑް ޖެހި މިހާތަނަށް މީހަކު މަރުވެފައި ނުވި ނަމަވެސް ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ޒުވާނުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.