މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިގަނެވެން އޮތީ، މި ހަނގުރާމައިގެ ބާރަކަށް ރައްޔިތުން ވެގެން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ކޮންމެ މަހަކު އެއް ފަހަރު ދެއްވާ "މާން ކީ ބާތު" ހިތޯބުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން މޯދީ ވަނީ މިވަގުތު އެ ބަޔަކު ދިރިއުޅެމުންދާ ނުވަތަ މަސައްކަތް ކުރާ ތަނުގައި ކޮވިޑް-19 ފެތުރިފައި ނެތުމަކީ އެ ބަޔަކަށް ކޮވިޑް-19 ނުޖެހޭނެ ސަބަބެއް ކަމަށް ގަބޫލުކުރަމުންދާ މީހުން އެ ގަބޫލުކުރުންތައް ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ.

ހިތޯބު ކުރިއަށް ގެންދަވަމުން މޯދީ ވަނީ ސާފު ތާހިރު ކަމަށް ސަމާލުކަން ދިނުން މަތީ ދެމި ތިބުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަމުގައި ހައްދުފަހަނައަޅާ ދިއުން ނުވަތަ އޯވާ ކޮންފިޑެންޓް ވުމާ ދުރުހެލިވުމަށްވެސް މޯދީ ވަނީ ގޮވާލައްވާފައެވެ.

މޯދީ ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ސްޓޭތްތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ތައުރީފު ކުރައްވާފައެވެ. ހަމަ މިމޭރުމުން ބޭރުގެ ގައުމުތަކަށް އިންޑިއާއިން މި ދަނޑިވަޅުގައި ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެ ގައުމުން އިންޑިއާއަށް ތައުރީފުކޮށްފައިވާކަންވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

މޯދީ ވަނީ އިންޑިއާގައި ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ފަރާތްތަކުން ދަފުތަރުވާން ހާއްސަކޮށްފައިވާ ޕޯޓަލްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން ގޮވާލާފައެވެ.

މިއީ ބަރަކާތްތެރި ރަމަޟާން މަސް ކަން ފާހަގަކުރައްވާ މޯދީ ވަނީ އަޅުކަންތައް އިތުރުކޮށް، މި ބަލިމަޑުކަމުން އަރައިގަތުމަށް އެދި ދުޢާ ދެންނެވުން އިތުރު ކުރުމަށްވެސް މޯދީ ވަނީ ގޮވާލައްވާފައެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 26000 އަށްވުރެ މައްޗަށް އަރާފައެވެ.