ފުލުހުންނަށް މަރުގެ އިންޒާރުދިން ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާ އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވި މައްސަލައެއްގައި ރޭ ދަންވަރު މާލެއިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި 2 ފިރިހެނުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ދީފައި ނުވާއިރު ފުލުހުން ބުނީ މައްސަލަގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރު މާލެ ލޮކްޑައުން ކޮށްފައި ވުމާ ގުޅިގެން މަގުމައްޗަށް ނުކުމެ އުޅެވޭނީ ވަކި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މާލެސިޓީ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވާއިރު މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.