ލޮކޮލްޑައުން ކޮށްފައިވާ މިހާލަތުގައި މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާނަގައި މަކަރު ހެދުމުގެ މައްސަލަތައް ގިނަ ވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޑެލިވަރީގެ ހިދުމަތަށް އެދޭއިރު، އެއީ ރަނގަޅު ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށާއި ފައިސާ ޖަމާކުރާ އެކައުންޓް ނަމްބަރުވެސް އިތުރަށް ޔަގީންކުރުމަށް އެދޭ ކަމަށެވެ.

އެއްތަނުން އަނެއްތަނަށް ދިއުމަށް ދޫކޮށްފައި ހުރި ހުއްދަ ތަކަކީވެސް އެކަމަށް ހެދިފައިވާ ވަކި ގަވާއިދުތަކެއްގެ ދަށުން ދޫކޮށްފައިވާ ހުއްދަ ތަކެއް ކަމަށާއި، އެ ހުއްދަތައް ބޭނުން ކުރުމުގައިވެސް އިތުރަށް ސަމާކުވުމަށް އެދޭ ކަމަށް ނަވީން ވިދާޅުވިއެވެ.

މި ލޮކްޑައުން ފެށުނުފަހުން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފަ. މިގޮތުން ޑެލިވަރީކޮށްދޭނެ ކަމަށްބުނެ، ފައިސާ އަތުލުމަށްފަހު، އެ ތަކެތި ޑެލިވަރީނުކުރުމާއި، އަދި އޭގެ ފަހުން ފޯނު ނުނެގުމުގެ މައްސަލަވެސް ނޫނީ ފޯނު ނިއްވާލާފަ އޮތުމުގެ މައްސަލަތައްވެސް ހުށަހެޅެމުން އެބަ އާދޭ. އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ކުރިން އެއީ ސައްހަ ފަރާތެއްތޯ ބެއްލެވުމަށް ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަން. އަދި ގޮތްނޭނގޭ އެކައުންޓްތަކަށް ފައިސާ ޖަމާނުކުރައްވާ، އެއީ ސައްހަ ބައެއްތޯ ބެއްލެވުމަށްފަހު ނޫނީ ފައިސާ ޖަމާނުކުރުމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން
ނަވީން

މީގެ އިތުރުން މަގުމަތީގައި އުޅުމުން ފުލުހުން ނަސޭހަތްތެރިވި، ދެ މީހަކު ފުލުހުންނަށް މަރުގެ އިންޒާރުދިން ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑް-19ގެ ނަމުގައި ނާޖާއިޒް ގޮތުގައި ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން މީގެ ކުރިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ތަކެތި ގެނައުމުގައި ލަސްވުމާއި އޯޑަރު ކުރާ ތެކެތި މަދުވުން ފަދަ ކަންތަށް ދިމާވަމުންދާ ކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެކަންކަމަށް ސަމާލު ވުމަށްވެސް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.