543 މީހުން ޖޫރިމަނާކޮށް 18 މީހަކު ހައްޔަރުކޮށްފައިާކަމަށް ފުލިހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، މިއަދާއި ހަމަޔަށް މާލެއިން 543 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ހުޅުމާލެއިން 53 މީހަކު ޖޫރިމަނާ ކުރެވި އަދި ވިލިމާލެއިން 32 މީހަކުވަނީ ޖޫރިމަނާ ކޮށްފައި ކަމަށެވެ. އަދި ހަމައެކަނި އިއްޔެވެސް 166 މީހަކު ވަނީ ޖޫރިމަނާ ކޮށްފައި ކަމަށާއި، އަދި އޭގެތެރެއިން 139 މީހުން މާލެއިން ޖޫރިމަނާ ކޮށްފައިވާއިރު، ހުޅުމާލެއިން 23 އަދި ފަސް މީހުން ވިލިމާލެއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

އޭގެއިތުރަށް ނަވީން ވިދާޅުވީ، ލޮކްޑައުންއާއި ހިލާފުވެގެން ހަމައެކަނި އިއްޔެވެސް 18 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެތެރެއިން 17 މީހަކު ހައްޔަރު ކޮށްފައިވަނީ މާލެއިން ކަމަށާއި، އަދި އެކަކު ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިން ކަމަށެވެ. އަދި މިއަދާއި ހަމަޔަށް ޖުމްލަ 49 މީހަކު ލޮކްޑައުންއާއި ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އަދި އޭގެތެރެއިން 46 މީހަކު ހައްޔަރު ކޮށްފައިވަނީ މާލެއިން ކަމަށާއި ބާކީ ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ ބަލިމަޑުކަން ފެތުރިގެންދާ ގޮތުގެ މައްޗަށް ބެލުމަށްފަހު ބިދޭސީން ދިރިއުޅޭ 18 ތަނެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށާއި، އެތަންތަނުން ޖުމަލް 837 މީހުން ދިރިއުޅޭ ކަމަށެވެ.

މާލެ ސިޓީއިން ގިނަ އަދަދެއްގެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވުމާގުޅިގެން ލޮކްޑައުންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިއާއެކު އެއްވެސް ފަރާތަކުން ހުއްދަ ނެތި މަގު މައްޗަށް ނިކުތުންވަނީ މަނާ ކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 177 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ލޮކްޑައުންގެ މުއްދަތު އިތުރުކުރުންވެސް އެކަށީގެން ވެއެވެ.